ތިނަދޫ ސިޓީގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މިއަދު އެސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިޚިދުމަތް ފައްޓަވައިދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިގު އިބްރާޙިމެވެ. މިއީ ވެމްކޯގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ތިނަދޫ ސިޓީގައި ފެށި ޚިދުމަތެކެވެ.
މިޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޠާރިގު އިބްރާހިމް ވިދާޅުވީ ތިނަދޫ ސިޓީއެއްގެ ގޮތުގައި ތަރައްގީވަމުން އަންނައިރު ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ވެމްކޯއިން ތިނަދޫ ސިޓީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަށާއިރު އެންމެ ބޮޑަށް ކުރަމުންދާ ސުވާލަކީ ކުނި އަންދާނެތޯކަން ފާހަގަކުރައްވައި ވަޒީރު ވަނީ ތިނަދޫ ސިޓީގައި މީގެފަހުން ކުނި ނާންދާނެކަމަށް ވިދާޅުވެފައެވެ.
"ވެމްކޯއިން ވޭސްޓް މެނޭޖްމަންޓް ކަންކަން ކުރާއިރު ކުނިކޮށީގައި ދެން ކުންޏެއް ނާންދާނެ. މިއީވެސް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް. ބައެއް ބޭފުޅުން ވިދާޅުވި މިހާރު އެ ހިސާބުގައި ދިރިއުޅޭ މީހުންގެ ލަންގްސް ބަލައިފިއްޔާ ހުންނާނީ ވަރަށް ދެރަ ހާލަތަކެއްގައޭ. އެހެންވީމަ ވަރަށް ބޮޑެތި ކުރިއެރުން ތިނަދޫ ސިޓީއަށް ލިބިގެން މިދަނީ،" ވަޒީރު ޠާރިގު އިބްރާޙިމް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވީ މިހާތަނަށް ސިޓީ ކައުންސިލުން ތިނަދޫގެ ކުނި ނެގުމުގެ ކަންކަން ކުރިނަމަވެސް އެކަށީގެންވާ ވަސީލަތްތައް ނެތުމުން ގޮންޖެހުންތަކާ ކުރިމަތިވިކަމަށެވެ. ތިނަދޫގެ އާބާދީ ބޮޑުވަމުން އަންނައިރު ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ހޯދަން ޖެހޭނެކަމަށާއި އަދިވެސް ތިނަދޫގައި ކުނި މެނޭޖުކުރުމުގައި އިތުރު ފުރުސަތުތައް އެބަހުރިކަންވެސް މުޖުތަބާ ފާހަގަކުރެއްވިއެވެ.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ ތިނަދޫގެ އިތުރުން މުޅި ހުވަދު އަތޮޅުން ނަގާ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ގެންދާނީ އައްޑޫ ސިޓީއަށް ކަމަށެވެ. އަދި ތިނަދޫގައި ކުނި ނެގުމުގެ މަސައްކަތް ކުރާނީ ކުރިންވެސް އެ ރަށުގައި އެ ޚިދުމަތް ދެމުންދިޔަ އަގުގައި ކަމަށް ވިދާޅުވިއެވެ.
"މިރަށުގައި އަޅުގަނޑުމެން ޚިދުމަތް ދެމުންދާއިރު ކުރިން ނަގަމުންދިޔަ ފީއެކޭ ވަކި ތަފާތެއް އަޅުގަނޑުމެން ނުކުރަން. ކުރިން ކައުންސިލުންނާއި އަދި އާންމު ފަރާތްތަކުން މި މަސައްކަތްކުރަމުން ދިޔައިރުގައި 150 ރުފިޔާ ޗާޖު ކުރަމުންދިޔައީ ކޮންމެ ގެއަކަށް. ހަމަ އެ އުސޫލުން އަޅުގަނޑުމެންވެސް ޗާޖު ކުރާނީ 150 ރުފިޔާ. އޭގެ މާނައެއް ނޫން އެ 150 ރުފިޔާއަށް އަޅުގަނޑުމެންގެ ހުރިހާ ޚަރަދެއް ސަލާމަތްވެގެންދާނެއޭ. މިކަމަކީ އަޅުގަނޑުމެން ހަމަ ސަބްސިޑައިޒް ގޮތެއްގައި ކުރަމުން އަންނަ ކަމެއް،" ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވިއެވެ.
ވެމްކޯއިން ދެމުން އަންނަ ޚިދުމަތުގައި އެ ކުންފުންޏަށް އެއްބާރުލުން ދިނުމަށް ކައުންސިލާއި ރައްޔިތުންގެ ފަރާތުން ތިމާވެއްޓާބެހޭ ވަޒީރާއި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުވެސްވަނީ އެދިވަޑައިގެންފައެވެ.
ތިނަދޫ ސިޓީގައި ވެމްކޯގެ ޚިދުމަތްތައް ފެށިގެން އަންނާނީ ގޭބިސީތަކުން އުފައްދާ ދުވަހު ކުނި ނެގުމުގެ ޚިދުމަތުންނެވެ. އަމިއްލަ ގޮތުން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް، ކުނި ބަރުކޮށް ގެންދެވޭ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށް ޓަނޭޖަކަށް 108 ރުފިޔާގެ ގޭޓްފީއެއް ނެގުމަށްފަހު ކުނި އުކާލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން ތިނަދޫ ސިޓީގައި ވިޔަފާރިތަކުން ލީޓަރަކަށް 0.16 ރުފިޔާ ނަގާއިރު ގޭބިސީތަކުން 150 ރުފިޔާ، ސަރުކާރު އޮފީސްތަކުން ލީޓަރަކަށް 1.27 ރުފިޔާ އަދި ކޮމާޝަލް ގޭޓްފީގެ ގޮތުން ޓަނޭޖަކަށް 2660 ރުފިޔާ ނަގާނެއެވެ.
ކުރިއަށް ހުރި ދުވަސްތަކުގައި ބަރުކުނީގެ ބާވަތްތައް އުކާލުމަށް ދޭ ޚިދުމަތް ކަމަށްވާ ކެޕްސް އަދި ކެޕްސް ލައިޓްގެ ޚިދުމަތް ތިނަދޫ ސިޓީގައި ތަޢާރަފު ކުރެވިގެންދާނެ ކަމަށްވެސް ވެމްކޯއިން ބުނެއެވެ.