ކުޅިވަރު

ޕީއެސްޖީއަށް ކުޅުނު އޮކޯޗާ އާއެކު މާލޭގައި ފުޓްބޯޅައިގެ ޚާއްސަ ސެޝަންތަކެއް


އުރީދޫގެ ދައުވަތަކަށް އިއްޔެ ރާއްޖެ އައި ޕީއެސްޖީގެ ލެޖެންޑް ޖޭޖޭ އޮކޯޗާ، ޕީއެސްޖީ އެކަޑަމީގެ ކުދިންނާއެކު މާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ހަރަކާތެއްގައި ބައިވެރިވެއްޖެއެވެ.

ޒުވާން ފުޓުބޯޅަ ކުޅުންތެރިންނަށް އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން ޕީއެސްޖީ އެކަޑަމީގެ ދެ ޓްރެއިނިން ސެޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްދިޔައިރު، މި ސެޝަންތައް ކުރިއަށް ދިޔައީ ޕީއެސްޖީ އެކަޑަމީގެ ދެ ކޯޗުންނާ އެކުގައެވެ.

އޮކޯޗާގެ މި ދަތުރަކީ އުރީދޫގެ ޕްރީމިއަމް ޕާޓްނަރު ޕީއެސްޖީއާ އޮތް ޕާޓްނާޝިޕްގެ ސަބަބުން ކުރާ ޕްރޮމޯޝަނަލް ހަރަކާތެއް ކަމަށް އުރީދޫ މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

މިދަތުރުގެ ހަރަކާތްތަކުގެ ތެރެއިން އޮކޯޗާއާއެކު ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދުމަށް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސޯޝަލް މީޑިއާ ކޮންޓެސްޓުގައި ހޭޝްޓެގް ބޭނުންކޮށްގެން ބައިވެރިވެއެވެ.

މި ކޮންޓެސްޓުގައި ޖޫން 10, ހަމައަށް ބައިވެރިވެވޭއިރު، ކޮންޓެސްޓުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަސް ފަރާތަށް ޖޭ-ޖޭ އޮކޯޗާ އާއެކު ފުޓްސަލް މެޗެއް ކުޅުމުގެ ފުރުސަތު ލިބގެންދާނެ އެވެ.

ޕީއެސްޖީއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ.

އޮކޯޗާ، ލ. ގަމުގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވާނެ އެވެ.