ވިޔަފާރި

ފްރާންސްގައި ކުރިއަށްގެންދިޔަ ރޯޑް ޝޯވްތައް ނިންމާލައިފި


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ފަރަންސޭސިވިލާތުގެ 4 ސިޓީއެއްގައި ކުރިޔަށް ގެންދިޔަ ރޯޑް ޝޯވްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިރޯޑް ޝޯވތައް ކުރިޔަށް ގެންދިޔައީ، މިމަހުގެ ނުވަޔަކުން ބާރައިގެ ނިޔަލަށެވެ. މިރޯޑް ޝޯވތަކުގައި އެމް.އެމް.ޕީ.އާރް.ސީއާއެކު ރާއްޖޭގެ 11 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މިރޯޑް ޝޯވތަކަކީ، ރާއްޖޭގެ ފަތުރުވެރިކަމާބެހޭ މަޢުލޫމާތުތައް ފޯރުވައިދިނުމަށާއި، ފަރަންސޭސިވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދިޔަ ރޯޑް ޝޯވތަކެއް ކަމަށް އެމް.އެމް.ޕީ.އާރް.ސީއިން މަޢުލޫމާތުދެއެވެ.

ފަރަންސޭސިވިލާތަކީ، ފަސްވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ ޤައުމެވެ. ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ 4.8 އިންސައްތަ ފަތުރުވެރިންނަކީ، ފަރަންސޭސިވިލާތުން ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނެވެ.

މިއަހަރުގެ ފުރަތަމަ 3 މަސް ނިމުނުއިރު، ފަރަންސޭސިވިލާތުން ރާއްޖެއަށް 16 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.