ކުޅިވަރު

އެފްއޭއެމުގެ ހިންގުން ޖައުޝަންއާއި ހަވާލުކޮށްފި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެންމެ ފަހުން އޮތް އިންތިހާބީ ހިންގާ ކޮމިޓީގެ ދައުރު ހަމަވުމާއެކު، ފީފާ އިން އަންގާ އެންގުމާ އެއްގޮތަށް، އެފްއޭއެމް ހިންގަން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) އާއި ހަވާލުކޮށްފި އެވެ.

ގިނަ އެސޯސިއޭޝަންތަކެއްގެ ގާނޫނީ މަސައްކަތްތަކެއް ކުރައްވާފައިވާ ޖައުޝަން، އެފްއޭއެމްގެ ކަންކަމާ ހަވާލުވާން ޖެހުނީ އެ އިދާރާ އުނދަގޫ ހާލަތެއްގައި އޮއްވަ އެވެ. އިދާރީ ގޮތުން ގިނަ ގޮންޖެހުންތަކެއް ދިމާވެ، މުބާރާތްތައް ހިންގުމަށް ވެސް އެފްއޭއެމް އަށް އަންނަނީ ހުރަސްތައް ކުރިމަތިވަމުންނެވެ.

އިންތިހާބެއް ނުބޭއްވި، އެންމެ ފަހުގެ ހިންގާ ބޯޑުގެ ދައުރު ހަމަވުމުން، މިހާރު އެފްއޭއެމްގެ ކަންކަން ކުރުމުގެ ޒިންމާ އޮތީ ޖައުޝަންއާ ހަވާލުކޮށްފަ އެވެ. ފީފާގެ އެންގުމެއް ނެތި، އެފްއޭއެމް އަށް މުބާރާތެއް ކުރިއަށް ގެންދިއުމުގެ ހުއްދަ ވެސް ނެތެވެ.

އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ)ގެ ލީގަލް ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވާ ޖައުޝަން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ކަމާ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު.

ކޯޓު ހުކުމްތަކެއް ވެސް އެފްއޭއެމްގެ މައްޗަށް އައިސްފައިވާއިރު، ޕީޖީ އޮފީހާއި ފުލުހުން ކުރަމުން އަންނަ އެފްއޭއެމާ ގުޅޭ ކޮރަޕްޝަންގެ ތަހުގީގުގެ މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ވަނީ މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ދައުވާ އުފުލައިފަ އެވެ.

ފީފާ އިން ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު، ބައްސާމް، ނުވަ މަހަށް ސަސްޕެންޑްކޮށްފައެވެ.