ޚަބަރު

ޙައްޖުވެރިންގެ ފަހު ގުރޫޕް ރާއްޖެ އަތުވެއްޖެ


  • މިއަދު އައީ 137 ޙައްޖުވެރިން

  • ބަލި 2 މީހަކު އަދި ތިބީ މައްކާގައި

މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ޙައްޖުވެރިންގެ 4 ވަނަ ގުރޫޕް ރާއްޖެ އަތުވެއްޖެއެވެ. މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ 1150 މީހުންގެ ތެރެއިން 1149 މީހަކު ވަނީ ޙައްޖުގެ އަޅުކަން އަދާކޮށްފައެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ މީހުން އެނބުރި އައިސްފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގްރޫޕްގެ ޙައްޖުވެރިން މިދިޔަ މަހުގެ 24 ވަނަ ދުވަހު އައިސްފައިވާއިރު އެ ގްރޫޕްގައި 296 މީހަކު ހިމެނެއެވެ. މީގެ އިތުރުން މިދިޔަ މަހުގެ 28 ވަނަ ދުވަހު 352 ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ޑޮކްޓަރުންގެ ލަފަޔާއެކު ޙައްޖުވެރިންގެ ތެރޭގައި ތިބި ބަލި މީހުން ރާއްޖެ ފޮނުވުމުގެ ގޮތުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ޚާއްސަ ފްލައިޓެއް ބާއްވާ 25 މީހަކު ރާއްޖެއައިސްފައިވެއެވެ. އަދި މިމަހުގެ 1 ވަނަ ދުވަހު 316 މީހަކު އައިރު މިއަދު ރާއްޖެ އައިސްފައިވަނީ 137 ޙައްޖުވެރިންނެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ ޙައްޖުވެރިންގެ ތެރެއިން ބަލި 2 މީހަކު އަދި މައްކާގައި ތިބިކަމަށެވެ. އަދި އެމީހުންގެ އާއިލާގެ މީހުންވެސް މައްކާގައި މަޑުކޮށްފައިވާކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.

މިއަހަރުގެ ޙައްޖުގެ އިންތިޒާމްތައް ކުރިއަށްދިޔައީ އެހެން އަހަރުތަކަށްވުރެ މާ ފުރިހަމައަށްކަމަށާއި، އެގޮތަށް އެއިންތިޒާމުތައް ކުރިއަށްގެންދިއުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ޚާއްސަ އަޙަމިއްޔަތުކަމެއް ދެއްވިކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތްތަނުގައި ޙައްޖުގެ ކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަވެފައިވާތީ އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.