ބަޔާން މިއުނިކުން ފުލަމް އަށް ކުޅެމުން އަންނަ ޕޯޗުގީޒް މިޑްފީލްޑަރު، ޔާއޯ ޕަލީނިއާ ގަތުމަށް އެއްބަސްވުމަކަށް އަތުވެއްޖެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޕަލީނިއާ، 28، ބަޔާނަށް ބަދަލުވާނީ ބޯނަހާއެކު ގާތްގަނޑަކަށް 46.5 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައި ބަޔާނަށް ބަދަލުވާން ޕަލީނިއާ ކުރި މަސައްކަތް ނާކާމިޔާބުވީ، ބަދަލުގައި އެހެން ކުޅުންތެރިއަކު ފުލަމް އަށް ނުހޯދެވުމުންނެވެ. އެފަހަރު ޕަލީނިއާ ވަނީ ބަޔާންގެ މެޑިކަލްގައި ވެސް ބައިވެރިވެފައެވެ.
ޕަލީނިއާ، ފުލަމް އަށް ބަދަލުވީ 2022 ވަނަ އަހަރު ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިން 17 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށެވެ. މިދިޔަ ދެ ސީޒަނުގައި އެ ޓީމަށް 79 މެޗު ކުޅެދީފައިވާއިރު، ފުރަތަމަ އަހަރު އޭނާ ވަނީ ފުލަމްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.
މިވަގުތު ޕޯޗުގަލް ޓީމާއެކު ޔޫރޯ 2024 ގައި ވާދަކުރަމުން އަންނަ ޕަލީނިއާ ވަނީ އެ ޓީމާއެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. 2021 ވަނަ އަހަރުން ފެށިގެން މިހާތަނަށް އޭނާ ވަނީ ގައުމީ ޓީމަށް 30 މެޗު ކުޅެދީފައެވެ.
މި ޑީލަކީ ފުލަމްގެ ރެކޯޑް ޓްރާންސްފާއަކަށް ވެގެންދާއިރު، ދާދިފަހުން އެ ކްލަބުގެ މިހާރުގެ ކޯޗު، މާކޯ ސިލްވާ ވަނީ ސައުދީ އަރަބިއްޔާގެ އަލް-އިއްތިހާދަށް ބަދަލުވާން ލިބުނު ހުޅަހެޅުމަށް ފުރަގަސްދީފައެވެ.