ޚަބަރު

ކޯޓްތަކާބެހޭ ޤާނޫގެ އިޞްލާޙާ ގުޅިގެން މައްސަލަތައް އަވަސްވެއްޖެ


ކޯޓްތަކާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙާ ގުޅިގެން ހައިކޯޓްގެ ގޮފިތައް ޤާއިމުކުރެވުމާއެކު މެޖިސްޓްރޭޓް ކޯޓްތަކުން ނިންމަވާ މައްސަލަތައް އިސްތިޢުނާފްކުރާ މިންވަރު ދެގުނަ އިތުރުވެފައިވާ ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެއެވެ. 

މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި، ހައިކޯޓްގެ ގޮފިތައް ޤާއިމުކުރެވުމުން އިސްތިޢުނާފް މަރުޙަލާގައި ޢަދުލުއިންސާފަށް ވާޞިލުވުމުގެ މަގު އިތުރަށް ފައިވެފައިވާކަމަށްވެސް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާގެ ޙާލަތު ބަޔާންކޮށްދޭ ޚިޠާބު އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ވިދާޅުވީ ހައިކޯޓްގެ ގޮފިތައް ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ޝަރުޢީ ދާއިރާގެ ކުރިއެރުމަށް 2015 ވަނަ އަހަރުގެ ތެރޭގައި ނިންމެވި އެންމެ މުހިންމު އެއް ނިންމެވުންކަމަށެވެ. އެގޮތުން އެކަށީގެންވާ އަވަސްމިނެއްގައި ޢަދުލުއިންސާފަށް ވާޞިލުވުމުގެ ޙައްޤު ޤާނޫނު އަސާސީން ކަށަވަރުކޮށްދޭއިރު، ހައިކޯޓްގެ ގޮފިތައް ޤާއިމުކުރެވުމަކީ މިކަމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓްތަކުން ނިންމަވާ މައްސަލަތައް އިސްތިއުނާފްކުރާ މިންވަރު %100 އިތުރުވުމަކީ ހައިކޯޓްގެ ގޮފިތައް ޤާއިމުކުރުމުގެ މަޤްޞަދު ޙާޞިލްވެފައިވާކަން ހާމަކޮށްދޭ ކަމެއްކަމަށް ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރު ސިވިލްކޯޓްގައި ޤާއިމުކުރެއްވި ޙުކުމް ތަންފީޒުކުރުމާބެހޭ ޑިވިޜަންގެ ސަބަބުން ޙުކުމްތައް ތަންފީޒުނުކުރެވި ދިގުލައިގެން ދިއުމުގެ މައްސަލަ ޙައްލުކުރެވިފައިވާ ކަމަށާއި، ޙުކުމް ތަންފީޒުކުރުމާބެހޭ ޑިވިޜަންތައް މެޖިސްޓްރޭޓް ކޯޓްތަކުގައިވެސް ޤާއިމުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަރީޢަތް ކުރުމާ ނުލައި މަދަނީ މައްސަލަތައް ޙައްލުކުރުމަކީ ހުރިހާ ފަރާތްތަކަށްވެސް ފައިދާ ހުރި ކަމެއް ކަމަށް ޤަބޫލުކުރައްވާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. މި ފުރުޞަތު ފަހިކޮށްދެއްވުމަށްޓަކައި ސިވިލް ކޯޓުގައި ޤާއިމުކުރެވިފައިވާ ޑިސްޕިއުޓް ރިޒޮލިއުޝަން ޔުނިޓަށް ހުށައެޅޭ މައްސަލަތްކުގެ ތެރެއިން ގިނަ މައްސަލަތައް ޝަރީޢަތް ނުކޮށް، ޙައްލުކުރެވޭކަމަށް ވިދާޅުވިއެވެ. އަދި އަމާޒަކީ މަދަނީ މައްސަލަތަކުގެ ތެރެއިން ޝަރީޢަތް ނުކޮށް، ޙައްލުކުރެވޭ މައްސަލަތަކުގެ ޢަދަދު އިތުރު ކުރެއްވުން ކަމަށް ވިދާޅުވިއެވެ.

ވޭތުވެ ދިޔަ އަހަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ސީދާ ބެއްލެވުމުގެ ދަށުން ޝަރުޢީ ކޯޓްތަކުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމެވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ޝަރުޢީ ވަފްދުތައް ފޮނުވައިގެން މެޖިސްޓްރޭޓް ކޯޓްތަކުގައި ހުރި ދުވަސްވީ މައްސަލަތައް ނިންމެވުމުގެ މަސައްކަތް ކުރައްވާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން 2015 ވަނަ އަހަރު ނިމުނުއިރު ޝަރުޢީ ކޯޓްތަކުގައި ހުރި 5 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ނިސްބަތް ހުރީ %1 އަށްވުރެ ދަށުގައެވެ.