ޚަބަރު

ތުރުކީވިލާތުގެ ސިފައިންނަށް ޙަމަލާ ދިނުމުން ސޫރިޔާއާ ގުޅޭ ސަރަޙައްދީ ރޮނގު ބަންދުކޮށްފި


ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންނަށް އަމާޒުކޮށް ދިން ޙަމަލާތަކަކާ ގުޅިގެން އެ ޤައުމާއި ސޫރިޔާގެ ހުޅަނގުއުތުރާ ގުޅޭ ސަރަޙައްދީ ރޮނގު ބަންދު ކޮށްފިއެވެ. ތުރުކީވިލާތުގެ ސިފައިންނަށް ޙަމަލާ ދީފައި ވަނީ ސޫރިޔާގެ ހަތިޔާރު އެޅި ބަޔެކެވެ.

ތުރުކީވިލާތުގެ ސިފައިންނަށް ޙަމަލާ ދީފައި ވަނީ, އެ ޤައުމުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތުންނާއި ރެފިއުޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ތުރުކީވިލާތުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް, ތުރުކީވިލާތުގެ ދާޚިލީ ވަަޒީރު ޢަލީ ޔައަލިކިޔާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. ތުރުކީވިލާތުގެ ސަލާމަތީ ބާރުތަކުން ހިންގަމުންދާ ޚާއްޞަ ޙަރަކާތެއްގެ ދަށުން 474 މީހުން ހައްޔަރު ކޮށްފައިވާ ކަމުގައި ޔައަލިކަޔާ ވިދާޅުވިއެވެ. އެ މީހުން ހައްޔަރު ކޮށްފައި ވަނީ, ތުރުކީވިލާތުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތުންނާއި ރެފިއުޖީންނަށް ޙަމަލާދީ, އެ މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައެވެ.

ތުރުކީވިލާތުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ޖުލައި 1ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ހަމަނުޖެހުންތަކުގައި އެ މީހުންގެ މުދަލާއި އެއްގަމު އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. ހަމަނުޖެހުންތައް އެންމެ ބޮޑީ ތުރުކީވިލާތުގެ މެދުތެރޭގައި އޮންނަ ކައިސިރިނިންގައެވެ. އެ ހަމަނުޖެހުންތައް ފެށުނީ, ސޫރިޔާގެ ރައްޔިތަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިޔާގައި ފެތުރުމުންނެވެ. ޔައަލިކިޔާ ވިދާޅުވީ އެ ތުހުމަތުތައް ތަޙުޤީޤު ކުރަމުންދާ ކަމުގައެވެ.

ތުރުކީވިލާތުގެ ޖާސޫސީ އިދާރާ އެމްއައިޓީން ބުނީ, ކައިސިރިނިނުން ފެށުނު ހަމަނުޖެހުންތައް ހަތައި, ގާޒިއާންތެޕް އަދި ބުރްސާގެ އިތުރުން އިސްތަންބޫލަށް ފެތިރިގެން ދިޔަ ކަމުގައެވެ. އެ ހަމަނުޖެހުންތަކުގައި ސޫރިޔާގެ ބައެއް ރައްޔިތުންނަށް އަނިޔާވެފައިވާ ކަމުގައި ރިޕޯޓު ކޮށްފައިވީ ނަމަވެސް, ތުރުކީވިލާތުގެ އެއްވެސް އިދާރާއަކުން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ތުރުކީވިލާތުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ކުށްވެރި ކުރުމުގެ ގޮތުން ސޫރިޔާގެ ހުޅަނގުއުތުރުގައި އޮންނަ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ, އަޑު އުފުލާފައެވެ. އެއީ, ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކެކެވެ.

ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ މީހުންނާއި ތުރުކީވިލާތުގެ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ހަތަރު މީހުން މަރުވިއެވެ. ޙަމަލާތައް ބަދަލު ކޮށްފައި ވަނީ ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ އަފްރީންގައެވެ. އެ ކަމާ ގުޅިގެން ތުރުކީވިލާތުން ވަނީ އެ ޤައުމާއި ސޫރިޔާ ގުޅޭ ބާބް އަލް-ހަވާއާއި ބާބް އަލް-ސަލާމީ ސަރަޙައްދީ ރޮނގު ވަގުތީ ގޮތުން ބަންދު ކޮށްފައެވެ. އެއީ, ދެ ޤައުމުގެ ދެމެދުގައި މުދާ ބަދަލު ކުރާ މައި ދެ މަގެވެ.

ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި, ކައިސިރިނިންގައި ހިނގި ހަމަނުޖެހުންތަކާ ގުޅުވައި ތުރުކީގެ ސިފައިންނަށް ޙަމަލާ ދިނުމަކީ ހިތާމަވެރި އަމަލެއް ކަމުގައި ބުނެފައެވެ. އެއީ, ތުރުކީވިލާތުގެ ސުލްހައާއި ހަމަޖެހުން ނަގައިލުމުގެ ނިޔަތުގައި ނިރުބަވެރި ޖަމާޢަތްތައް އަޑީގައި އޮވެގެން ހިންގާފައިވާ ކުށްތަކެއްގެ ގޮތުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ސިފަ ކުރެއްވިއެވެ.

"މިއީ ކޮން ބަޔަކު އަޑީގައި ތިބެގެން ހިންގަމުންދާ ކުށްތަކެއް ކަން އަޅުގަނޑުމެންނަށް ވަރަށް ސާފު. އެއީ ނިރުބަވެރި ޖަމާޢަތްތައް. އެ މީހުންގެ ރޭވުންތަކަށް އަޅުގަނޑުމެންނާއި, ސޫރިޔާގައި ތިބި އަޅުގަނޑުމެން އަޚުންނެއް ނުގުޑާނެ. ނަސްލީ ތަފާތު ކުރުންތަކާއި މުދަލަށް ގެއްލުން ދިނުމަށް އެއްވެސް ފުރުޞަތެއް ނޯންނާނެ،" އުރުދުޣާން ވިދާޅުވިއެވެ.

2011ވަނަ އަހަރު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ޤައުމުގެ އެތަކެއް މިލިޔަން ރެފިއުޖީން ތުރުކީވިލާތަށް ހިޖުރަ ކުރިއެވެ. އޭގެ ތެރެއިން 3 މިލިޔަނެއްހާ ރެފިއުޖީން މިހާރު ވެސް ތުރުކީވިލާތުގައި ދިރިއުޅެމުންދެއެވެ. އޭގެ ތެރެއިން 670,000އެއްހާ ރެފިއުޖީން ވަނީ އެނބުރި ގޮސްފައެވެ. އެ މީހުން އަމިއްލަ ވަޒަނަށް އެނބުރި ގޮސްފައި ވަނީ ތުރުކީވިލާތުގެ އެހީތެރިކަމާ އެކު ސޫރިޔާގައި ގާއިމު ކޮށްދީފައިވާ ރައްކާތެރި ސަރަޙައްދުތަކަށެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން ތުރުކީވިލާތުން ވަނީ އެ ޤައުމާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑައިލާފައެވެ. ނަމަވެެސް, އުރުދުޣާން ވިދާޅުވީ, ދެ ޤައުމުގެ ދެމެދުގައި އަލުން ގުޅުން ގާއިމު ކުުރުމާ ގުޅޭ ގޮތުން ސޫރިޔާގެ ރައީސް ބައްޝާރް ހާފިޛް އަލް-އަސަދާ އެކު މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމުގައެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ތުރުކީވިލާތުން ވަނީ އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރި ޖަމާޢަތްތަކަށް ތާޢީދުކޮށް, އެހީތެރިކަން ފޯރުކޮށްދީފައެވެ.