ދުނިޔެ

އައިއެސް ބަލިކުރުމަށް ހުރިހާ ޤައުމެއްގެ އެއްބާރުލުން ބޭނުން


އައި.އެސް ބަލިކުރުމަށް ކުރާ މަސައްކަތަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން ބޭނުންވާކަމަށް އެމެރިކާއިން އައި.އެސްއާ ދެކޮޅަށް މަސައްކަތްކުރާ ކޯލިޝަނަށް ކަޑައަޅާފައި ހުންނަވާ މަންދޫބު ބްރެޓް މެގާކް ވިދާޅުވެއްޖެއެވެ.

މެގާކް މިހެން ވިދާޅުވީ ޓެރަރިސްޓް ޖަމާޢަތްތައް ބަލިކުރުމަށް އެކުލަވާލާފައިވާ ކޯލިޝަންގެ މަސައްކަތާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް އުރުދުންގެ ޚާރިޖީ ވަޒީރު ނާސިރް ޖުޑާއާއެކު ބޭއްވެވި ބައްދަލްވުމަކަށްފަހު އަމާންގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި އައި.އެސް ބަލިކުރުމަށް ކުރާ މަސައްކަތަކީ ހަމައެކަނި އިރާޤް، ނޫނީ ސޫރިޔާގައި ކުރަންޖެހޭ މަސައްކަތެއް ނޫންކަމަށާއި، މިމަސައްކަތް ބައިނަލްއަޤްވާމީ ފެންވަރެއްގައި ހުރިހާ ޤައުމެއްގައިވެސް ކުރަން ޖެހޭކަމަށް މެގާކް ވިދާޅުވިއެވެ. މިގޮތުން އައި.އެސްގެ ޕްރޮޕަގަންޑާ ފެތުރުމަށް ބޭނުންކުރާ ނެޓްވާރކްތަކާއި، މާލީ ނެޓްވޯކްތައް އަދި އައި.އެސްއަށް މީހުން ރެކްރޫޓްކުރުމަށް ބޭނުންކުރާ ނެޓްވޯޓްތަކަކީ ކޮބައިތޯ ހޯދައި އެ ނެޓްވޯކްތައް ނައްތާލެވޭނީ ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން ލިބިގެން ހުރިހާ ފަރާތެއް އެކުގައި މަސައްކަތްކޮށް ގެންކަމަށް މެގާކް ފާހަގަކުރެއްވިއެވެ.

މިބައްދަލްވުމުގައި އެމެރިކާގެ ފަރާތުން އައި.އެސްއާ ދެކޮޅަށް ކުރިޔަށްގެންދާ އޮޕަރޭޝަންގެ މަސައްކަތާ ބެހޭގޮތުން މެގާކް މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން އުރުދުންއިން ސަރައްޙަދީ މަސްލަޙަތު ހިފެއްޓުމަށާއި، ޓެރަރިޒަމް އަދި ހައްދުފަހަނައަޅާފައިވާ ފަރާތްތަކާ ދެކޮޅަށް ކުރަމުންދާ ބުރަ މަސައްކަތަށް މެގާކް ތަޢުރީފްކުރެއްވިއެވެ.

އުރުދުންއަކީ އެމެރިކާގެ އިސްނެންގެވުމުގެ މަތިން އައި.އެސް ބަލިކުރުމަށް ކުރިޔަށް ގެންދާ ބައިނަލްއަޤްވާމީ ކޯލިޝަންގައި ހިމެނޭ ޤައުމެކެވެ.