ޚަބަރު

ޚާރިޖީ ވުޒާރާގެ ދަށުން ހިނގަމުންދާ ބައެއް އިދާރާތަކުގެ ނަންތަކަށް ރައީސް ބަދަލުގެންނަވައިފި


  • މިބަދަލު ގެންނެވީ ޤާނޫނުއަސާސީން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން

  • ޚާރިޖީ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާތަކަށް އިނގިރޭސިން ބޭނުންކުރާނެ ނަންވެސްވަނީ ހަމަޖައްސަވާފައި

ޚާރިޖޖީ ވުޒާރާގެ ދަށުން ހިނގަމުންދާ ބައެއް އިދާރާތަކުގެ ނަންތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބަދަލުގެންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިބަދަލު ގެންނެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

ޚާރިޖީ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ ތެރެއިން ނަމަށް ބަދަލުގެންނަވާފައިވަނީ "އ.ދ.ގައި ހުންނަ ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަން" އާއި، "ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީސް" އާއި، "ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަން"އެވެ.

އެގޮތުން "އ.ދ.ގައި ހުންނަ ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަން"ގެ ނަން "ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަން"ގެ ނަމަށް، "ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީސް" ގެ ނަން "ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަން" ގެ ނަމަށް، "ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަން" ގެ ނަން "ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައި ހުންނަ މިޝަން"ގެ ނަމަށް ވަނީ ބަދަލުކުރައްވާފައެވެ.

މީގެ އިތުރުން ޚާރިޖީ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާތަކަށް އިނގިރޭސިބަހުން ބޭނުންކުރާނެ ރަސްމީ ނަންތައްވެސް އެމަނިކުފާނު ވަނީ ހަމަޖައްސަވާފައެވެ.