ދުނިޔެ

ފްރާންސްގެ ޚާރިޖީ ވަޒީރު ފަލަސްތީނުގެ ރައީސްއާ ބައްދަލުކުރެއްވުން


ފަލަސްތީނަށް ވަޑައިގެން އުޅުއްވާ ފަރަންސޭސި ޚާރިޖީ ވަޒީރު ޖީން މާކް އައިރައުލްޓް، ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް އާ ރާމަﷲ ގައި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމަށްފަހު ފަރަންސޭސި ޚާރިޖީ ވަޒީރު ވިދާޅުވީ އޭނާ، ރައީސް މަޙްމޫދު ޢައްބާސް އާ ބައްދަލުކުރެއްވީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ޞުލްޙަ ޤާއިމްކުރުމުގެ މަޤްޞަދުގައި ފަރަންސޭސިވިލާތުން އެކުލަވާލި ޞުލްޙައިގެ ޕްލޭނާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ކަމަށެވެ.

އިސްރާއީލާއި ފަލަސްތީނާއި ދެމެދު ސުލްޙަ ގާއިމް ކުރުމުގެ މަގްސަދުގައި ފަރަންސޭސިވިލާތުން އެކުލަވާލި ސުލްޙައިގެ ޕްލޭން ބިނާވެފައިވަނީ ފަލަސްތީނުގެ މައްސަލައާބެހޭ ބައިނަލްއަގްވާމީ މަހާސިންތާއެއް ބޭއްވުމުގެ މައްޗަށެވެ. މި މަހާސިންތާގެ ބޭނުމަކީ ފަލަސްތީނުގެ ހައްގުތައް އަނބުރައި ހޯދުމަށް ކުރެވޭ މަސައްކަތްތަކުގައި އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައުގެ ގިނަ ޤައުމުތަކެއް ބައިވެރިކޮށްގެން އިސްރާއީލާއި ފަލަސްތީނު އަލުން ސުލްޙައިގެ މޭޒުދޮށަށް ގެންދިއުންކަމަށް ފަރަންސޭސި ޚާރިޖީ ވަޒީރު ޖީން މާކް އައިރައުލްޓް ވިދާޅުވިއެވެ. އިސްރާއީލު ވަނީ ފަރަންސޭސިވިލާތުގެ މިސުލްޙައިގެ ޕްލޭނާ ދެކޮޅު ހަދާފައެވެ. އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވެފައިވަނީ ފަރަންސޭސި ސުލްހައިގެ ޕްލޭން އޭގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގްވާމީ މަހާސިންތާ އަށް އިސްރާއީލު ދެކޮޅުހަދާ ކަމަށެވެ. ނަމަވެސް ފަރަންސޭސި ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުމަށްފަހު ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޒް އަލްމަލިކީ ވިދާޅުވީ އިސްރާއީލުގެ ދެކޮޅުހެދުންތަކާއެކުވެސް ފަރަންސޭސިވިލާތް އޮތީ ފަލަސްތީނުގެ މައްސަލައާބެހޭ ބައިނަލްއަގްވާމީ މަހާސިންތާ އެއް ބޭއްވުމުގެކަންތައް ކުރިޔަށްގެންދާ ގޮތަށް ކަމަށެވެ.

ފަރަންސޭސިވިލާތުގެ ސުލްޙައިގެ ޕްލޭނަށް ތާއީދުކުރާކަން ފަލަސްތީނުން ވަނީ ހާމަކޮށްފައެވެ. ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވީ ފަލަސްތީނުގެ މައްސަލަ ބައިނަލްއަގްވާމީ މައްސަލައަކަށް ހަދަންޖެހިފައިވާ ކަމަށާ ހަމައެކަނި ފަލަސްތީނުން އެކަހެރިގޮތެއްގައި އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް ދައްކައިގެން ފަލަސްތީނުގެ މައްސަލައަށް އެއްވެސް ޙައްލެއް އަދި ކުރިއެރުމެއް ލިބިފައިނުވާކަން ފާއިތުވި ބާވީހަކަށް އަހަރުގެ ސުލްޙައިގެ ވާހަކަތަކުން އެނގިފައިވާ ކަމަށެވެ. ފަރަންސޭސި ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުމަށްފަހު އައްބާސް ވިދާޅުވީ ފަރަންސޭސިވިލާތުން އެކުލަވާލާފައިވާ ސުލްޙައިގެ ޕްލޭންގައި ހިމެނޭ ބައިނަލްއަގްވާމީ މަހާސިންތާއަށް 20 ޤައުމެއްގެ ޚާރިޖީ ވަޒީރުން ޙާޒިރުވެ ވަޑައިގަންނަވާނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށާ އޭގެތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ޚާރިޖީ ވަޒީރުންވެސް ހިމެނިވަޑައިގަންނަވާނެ ކަމަށެވެ. ފަލަސްތީނުގެ މައްސަލަ ބައިނަލްއަގްވާމީ މައްސަލައަކަށް ހަދައި އދ. ގެ ބެލުމުގެ ދަށުން ފަލަސްތީނުގެ މައްސަލަ ޙައްލުކުރަން މަސައްކަތް ކުރުމަކީ އެމެރިކާއާއި އިސްރާއީލު ކަނޑައެޅިގެން ދެކޮޅުހަދާ ކަމެކެވެ. މިކަމަށް އެ 2 ޤައުމުން ދެކޮޅު ހަދަނީ އެކަމުގެ ސަބަބުން އިސްރާޢީލަށް ބައިނަލްއަގްވާމީ ގޮތުން ފިއްތުންތަކެއް ކުރިމަތިވެ އިސްރާއީލުން ނިގުޅައިގެންފައިވާ ފަލަސްތީނުގެ ހައްޤުތައް އަނބުރައި ދޭންޖެހި އަދި އިސްރާޢީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބަންޖެހިދާނެތީ ކަމަށް އިސްރާއީލުން ދެކެއެވެ.