ޚަބަރު

ނޮކްއައުޓް ބުރަށް އޮސްޓްރިއާ އައީ އޮޅުމަކުން ނޫން: ރަންގްނިކް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި މިރޭ ތުރުކީއާ ދެކޮޅަށް ނިކުތުމުގެ ކުރީން، އޮސްޓްރިއާގެ ކޯޗު، ރަލްފް ރަންގްނިކް ވަނީ، އޭނާގެ ޓީމުން މުބާރާތުގެ ގަދަ 16 ގެ ތެރޭގައި ހިމެނުނީ ގިނަ މަސައްކަތްތަކެއްކޮށްގެން ކަމަށާއި، މުބާރާތުގެ ނޮކްއައުޓް ބުރަށް ގްރޫޕެއްގެ އެއްވަނަ ޓީމުގެ ގޮތުގައި އައީ އޮޅުމަކުން ނޫން ކަމަށް ބުނެފައެވެ.

ރަންގްނިކް މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އޭނާގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ހަމަބިމުގައި ކަމަށާއި، މިހާތަނަށް އެއްވެސް ކަމެއް ހާސިލްކުރެވިފައިނުވާކަން ގަބޫލުކުރާ ކަމަށެވެ. އަދި އޮސްޓްރިއާ އަށް ޔޫރޯ ފެށިގެންދާނީ ކުރިއަށް އޮތް މެޗުން ކަމަށް ވެސް ރަންގްނިކް ބުނެފައިވެއެވެ.

މިފަހަރުގެ މުބާރާތުގައި ވަކި އަމާޒަކަށް ދިއުމުގެ ބަދަލުގައި އޭނާގެ ވިސްނުމުގައި ހުރީ، މެޗަކަށް ފަހު މެޗަކަށް ފޯކަސްކުރަމުން ކުރިއަށްދިއުމަށް ކަމަށާއި، އޭނާ ދެކެން ބޭނުންވަނީ ރަނގަޅު ޕާފޯމަންސަކާއެކު އެންމެ ރަނގަޅަށް ފޯކަސްކޮށްގެން އެމީހުންގެ އެންމެ ބެސްޓް ދީގެން ދެވޭނެ ހިސާބަކަށް ދިއުން ކަމަށް ބުނެފައެވެ.

މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމާ ގުޅޭގޮތުން، ރަންގްނިކް ބުނީ، ހާސިލްނުކުރެވި އޮތް ކާމިޔާބީއެއް ހާސިލްކުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް ކަމަށެވެ. މުބާރާތުގެ އެންމެ އުނދަގޫ ގްރޫޕުން އަނެއް ބުރަށް ދާނެ ކަމަށް ގިނަ ބަޔަކު ހީނުކުރާނެ ކަމަށާއި، އެގޮތަށް އެ ގްރޫޕުން އެއްވަނަ ހޯދުމުން ވެސް ގަބޫލުނުކުރެވުނު ކަމަށް ރަންގްނިކް ބުންޏެވެ.

ތުރުކީ އަށް ތައުރީފުކުރުމުގެ ގޮތުން ރަންގްނިކް ބުނީ، އެ ޓީމަކީ ބޯޅައަށް ވަރަށް ފަރިތަ، އެހާ ވަރުގަދަ ޓީމެއް ކަމަށާއި، މެޗުތަކަށް އެމީހުން ނިކުންނަނީ ވަރަށް ބޮޑަށް ޝައުގުވެރިކަމާއެކު ކުޅޭ ހިތުން ކަމަށެވެ. އެހެންކަމުން މި ހުރިހާ ކަމަކަށް އޮސްޓްރިއާ އިން ފުރިހަމަ އަށް ތައްޔާރުވާންޖެހޭނެ ކަމަށާއި، އޭނާގެ ޓީމުގެ ހުރިހާ އެނާޖީއެއް މެޗަށް ގެންނަންޖެހޭނެ ކަމަށް ރަންގްނިކް ބުންޏެވެ.

ތުރުކީއާ ދެކޮޅަށް އޮސްޓްރިއާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލީޕްޒިގުގައި ކަމަށްވުމުން ރަންގްނިކް ބުނީ، އެއީ އަށް އަހަރެއްހާ ދުވަހު އޭނާ މަސައްކަތްކޮށްފައިވާ ކްލަބު ކަމަށްވެފައި އޭނާގެ ގިނަ ކުޅުންތެރިންތަކެއްވެސް ކުޅެފައިވުމުން އެ ދަނޑުގައި ކުޅޭއިރު އޮސްޓްރިއާގެ އިތުރުން ލީޕްޒިގަށް ނިސްބަތްވާ ސަޕޯޓަރުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މުބާރާތުގެ ގަދަ 16 ބުރުގައި އޮސްޓްރިއާ އާ ތުރުކީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.