ޚަބަރު

މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުނުވާގޮތަށް ހިފަހައްޓަން ހުރިހާ މެންބަރުންވެސް ތާޢީދުކުރޭ!


  • މިހާރު މަޖިލީހުގައި ތިއްބަވަނީ 93 މެންބަރުން

  • އާބާދީގެ ކޮންމެ 5000 މީހަކަށް މެންބަރެއް އިންތިޚާބުކުރޭ

  • މިހާރު އޮންނަގޮތުން ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވޭ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކޮންމެ ފަސް އަހަރަކުން އިތުރުނުކޮށް، އެއްވަރެއްގައި ހިފެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތާޢީދުކޮށްފިއެވެ. މެންބަރުން މިކަމަށް ތާޢީދުކޮށް ވާހަކަފުޅު ދައްކަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކުންގެ ޢަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާތީ އެކަމާ ގުޅޭގޮތުން މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ބެލުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާޢު ހުށައޅުއްވި ޤަރާރަށް ބަހުސްކުރައްވަމުންނެވެ.

މި ޤަރާރަށް ކުރިއަށްގެންދިޔަ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާޢު ވިދާޅުވީ، ކޮންމެ 5 އަހަރަކުން މަޖިލީހަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދު އިތުރުވާގޮތަށް އޮތުމަކީ އަބަދުވެސް ރައްޔިތުންގެ އޮންނަ ކަންބޮޑުވުމެއް ކަމަށެވެ.

ސުޖާޢު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑެތި ޑިމޮކްރަސީތައް އޮންނަ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ޢަދަދު އިތުރުނުވާގޮތަށް ހިފަހައްޓާފައި އޮންނަ ކަމަށެވެ. އަދި ރާއްޖޭގައިވެސް މެންބަރުން އިތުރުވާ ގޮތަށް އޮންނަ އޮތުމަށް ހައްލު ހޯދަންޖެހޭކަން ސުޖާޢު ފާހަގަކުރެއްވިއެވެ.

"އެމެރިކާގެ އާބާދީއަކީ 330 މިލިއަން. ކޮންގްރެސް ދެ ހައުސްއަކަށް އޮންއިރު ހައުސްގައި 435 ކޮންގްރެސްމަނުން ތިބޭ. ސެނެޓުގައި ތިބެނީ 50 ސްޓޭޓް އޮންނައިރު ކޮންމެ ސްޓޭޓަކަށް 2 މެންބަރުން. އެހެންވީމަ ޖުމްލަ 100 ސެނެޓަރުން. އެހެންވީމަ ޖުމްލަ 330 މިލިއަންގެ އާބާދީއަކަށް މި ތިބެނީ 535 މެންބަރުން." ސުޖާޢު ވިދާޅުވިއެވެ.

ސުޖާޢު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތިބެންވާނެ ޢަދަދެއްކަމަށް ފެންނަނީ ފެހި ޤާނޫނުއަސާސީ 2008 ވަނަ އަހަރު ވުޖޫދުވިއިރު، މެންބަރުން ތިބި އަދަދު ކަމަށްވާ 77 މެންބަރުން ކަމަށެވެ. އަދި އެއަށްވުރެ އިތުރުވާގޮތަށް ޤާނޫނުގައި އޮންނަ އޮތުމަށް ތާޢީދު ނުކުރައްވާކަމަށް ސުޖާޢު ވިދާޅުވިއެވެ.

ސުޖާޢު ވިދާޅުވީ ދައުލަތަށް ޚަރަދު ކުޑަކުރުމުގެ ގޮތުން މެންބަރުންނަށް ދޭ އިނާޔަތް މަދު ކުރަންޖެހޭކަމަށްވެސް ޤަބޫލުކުރައްވާ ކަމަށެވެ. އެގޮތުން މެންބަރުކަން ކޮށްފައިވާ މީހުންނަށްދޭ އިންޝުއަރެންސްއަކީ ދޭންޖެހޭ އެއްޗެއްކަމަށް ޤަބޫލުނުކުރައްވާކަމަށް ސުޖާޢު ވިދާޅުވިއެވެ. އަދި މެންބަރުން 65 އަހަރުވީމަ ދޭ ޚާއްސަ އިނާޔަތްވެސް ކަނޑާލަންޖެހޭކަމަށް ސުޖާޢު ވިދާޅުވިއެވެ.

ޤަރާރަށް ބަހުސްކުރައްވާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ މިހާރު ޤާނޫނު އޮންނަ ގޮތަށް ޢަމަލުކުރާނަމަ ކުރިއަށް އޮތްތަނުގައި އޮބިނޯންނަ ވަރަށް މަޖިލީހަށް މެންބަރުން އިތުރުވާނެ ކަމަށެވެ.

"މިހާރު އޮތްގޮތުން ނަމަ 2029 ވަނަ އަހަރު 108 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރަން ޖެހިދާނެ. އަދި 2033 ވަނަ އަހަރު އޮންނަ އިންތިޚާބުގައި 115 މެންބަރުން އިންތިޚާބުކުރަން ޖެހިދާނެ. މިއީ އޮބިއޮންނަ ވަރެއް ނޫން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މެންބަރުގެ އަދަދު ހިފަހައްޓަން ޤާނޫނުއަސާސީއަށް އިސްލާޙު ގެންނައިރު ބައިނަލްއަޤުވާމީ ޑިމޮކްރަސީތަކުގައި އެކަން ކޮށްފައިވާ ގޮތަށް އަލިއަޅުވާލަންޖެހޭ ކަމަށެވެ. އެގޮތުން އެ ތަންތަނުގައި މެންބަރުންގެ އަދަދު ހިފަހައްޓާފައިވަނީ ކިޔުބް ރޫޓް ފޯމިޔުލާ ނަމަކަށްކިޔާ ފޯމިޔުލާއަކަށް ކަމަށް ނާޒިމް ވިދާޅުވިއެވެ. މި ފޯމިޔުލާ ރާއްޖޭގައި ބޭނުންކުރާ ފަށައިފިނަމަ، ރާއްޖޭގެ އާބާދީއަށް ބަލައި މިހާރު މަޖިލީހުގައި ތިއްބަވަންޖެހޭނީ 73 މެންބަރުންކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މި ފޯމިޔުލާގެ އިތުރުން ދެން އޮތް ހައްލަކީ ޤާނޫނުއަސާސީގައި އަބާދީ 5000 މީހުންނަށްވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް އިތުރުވާގޮތަށް އޮންނަ އޮތުން، އާބާދީއަށް އިތުރުވާ ކޮންމެ 10،000 މީހަކަށް މެންބަރަކު އިތުރުވާގޮތަށް ބަދަލުކުރުން ކަމަށެވެ. އޭރުން ކުރިއަށްއޮތް 25 އަހަރު، މަޖިލީހުގެ މެންބަރުންގެ އަދަދު 80 އަށްވުރެ މަތި ނުވެ ހިފެހެއްޓޭނެކަމަށް ޤަބޫލުކުރައްވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ޤަރާރަށް ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕު ލީޑަރު އިބްރާހީމް ފަލާޙު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ދައުލަތަށް ޚަރަދުކުޑަ ނިންމުންތަކެއް ނިންމާ މަޖިލީހަކަށް ކަމަށެވެ. އެގޮތުން މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ގެންނަންޖެހޭ އިސްލާހުތަކުގެ މަސައްކަތް އަވަސްކޮށް، އެކަންކުރާ މަޖިލީހުގެ ޝަރަފު 20 ވަނަ މަޖިލީހުން ހޯއްދަވާނެކަމަށް ފަލާޙް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީގެ އެޖެންޑާ-19 ގައި ވެސް މެންބަރުންގެ އަދަދު ހިފެހެއްޓުން އޮތް ކަމަށެވެ. އެގޮތުން އެމްޑީޕީ މެންބަރުންގެ ސުޕަރ މެޖޯރިޓީ މިދިޔަ 19 ވަނަ މަޖިލީހުގައި އޮތް ނަމަވެސް ކޮންމެ 5 އަހަރަކުން މަޖިލީހުގެ މެންބަރުން އިތުރުވާ މައްސަލައަށް ހައްލު ހޯދައިދެވިފައިނުވާކަމަށް މެންބަރު ވިދާޅުވިއެވެ.

"އެޖެންޑާ 19 ވުޖޫދުވެގެންއައީ ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމުގެ ވަޢުދުފުޅުތަކާއެކު. ޚަރަދު ކުޑަ ކުރުމުގެ ފުރިހަމަ ފުރުޞަތު އެޖެންޑާ 19އަށް ލިބުނު. 18 ވަނަ މަޖިލީހުގައި 1000 ވުރެ މަދުން އާބާދީ އޮންނަ ރަށްތަކުގައި ކައުންސިލަރުން ތިބެންޖެހޭ ޢަދަދު 3އަށް މަދުކުރި. އެހެންނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން އަނެއްކާވެސް 1000 އަށްވުރެ ކުޑަ އާބާދީތަކުގައިވެސް 5 ކައުންސިލަރުން އިންތިޚާބުކުރަންޖެހޭގޮތަށް ހެދީ. މިކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދު 1 ބިލިއަން ރުފިޔާއަށް އިތުރުވެގެންދިޔައީ." މެންބަރު ފަލާޙު ވިދާޅުވިއެވެ.

މި ޤަރާރަށް ވާހަކަފުޅު ދެއްކެވި އެމްޑީޕީގެ މެންބަރުންވެސް ވަނީ މެންބަރުންގެ ޢަދަދު އިތުވާގޮތަށް އޮތުމަކީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާނެކަމެއްކަން ފާހަގަކުރައްވާ މެންބަރުންގެ ޢަދަދު އިތުރުނުވާގޮތް ހެދުމަށް ދާޢިދުކުރާކަމަށް ވިދާޅުވެފައެވެ.

ޤާނޫނު އަސާސީގައި އޮންނަ ގޮތުން ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ކޮންމެ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާރިރާއަކަށް މެންބަރަކު ތިބެންޖެހެއެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 5000 މީހުންނަށްވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް އިތުރުވާނެއެވެ. މިގޮތަށް ޤާނޫނުއަސާސީ އޮތުމުން އާބާދީ އިތުރުވާނަމަ، މަޖިލީހުގެ މެންބަރުންގެ އަދަދު ދާނީ އިތުރުވަމުންނެވެ.

ކޮންމެ 5 އަހަރަކުން މެންބަރުން އިތުރުވަމުން ދިޔުމާއެކު މެންބަރުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދޭން ޖެހުމުން ދައުލަތަށް ޚަރަދު ބޮޑުވެއެވެ. އަދި މަޖިލީހުގެ އިދާރީ ކަންކަން ރޭވިފައިވާ ގޮތުން ގިނަ މެންބަރުންތަކަކަށް މަޖިލީހުގެ އިދާރާއިން ޚިދުމަތް ދިނުން ވަނީ ދަތިކަމަކަށްވެފައެވެ.