ޚަބަރު

ކަސްޓަމްސްގެ ޑިއުޓީ މަޢާފުވާ މިންވަރު 10،000 ރުފިޔާއަށް މަތިކޮށްފި


  • ކުރިން ޑިއުޓީ މަޢާފްވާ މިންވަރަކީ 6,000 ރުފިޔާ

  • 6 މަސްދުވަހަށް ގެންނަ ބޭހުން އަގަށް ރިޢާޔަތްކުރުމެއްނެތި ދޫކުރާނެ

  • ޑިއުޓީ މަޢާފް އިސްތިސްނާވާނެ ތަކެތިވެސް ބަޔާންކޮށްފައިވޭ

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މާފުވާ މިންވަރު މިއަދުން ފެށިގެން 10،000އަށް ބަދަލުކޮށްފިއެވެ.

މީގެ ކުރިން ކަސްޓަމްސްއިން ކަނޑައަޅާފައިވަނީ ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މަޢާފްވާ މިންވަރަކީ 6,000 ރުފިޔާ ކަމަށެވެ.

ޑިއުޓީ މަޢާފްވާ މިންވަރު އިތުރުކުރުމާ ގުޅޭ ގޮތުން ކަސްޓަމްސްއިން ޢާންމުކޮށްފައިވާ އުޞޫލްގައި ވަނީ ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މަޢާފުވާ މިންވަރު މިއަދުން ފެށިގެން 10،000 ރުފިޔާކަމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި ކަސްޓަމްސްއިން ކަނޑައަޅާ ފްރީ އޮން ބޯޑް ނުވަތަ އެފްއޯބީ އަގު 10،000 ރުފިޔާއަށްވުރެ ބޮޑުނަމަ ރާއްޖެއިން ބޭރުން ގެންނަ މުދަލަށް ގުޑްސް ޑިކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެކަމަށެވެ.

އެފްއޯބީގެ އަގު 10،000 ރުފިޔާއަށްވުރެ ކުޑަނަމަވެސް އެތަކެތީގެ ބާވަތާއި، ޢަދަދާއި، އަގާއި ގެންނަ ނިސްބަތަށް ބަލާއިރު އެއީ އަމިއްލަ ކުދިކުދި ބެނުންތަކަށް ދޫކުރެވޭ ވަރަށްވުރެ ގިނަ ތަކެތިނަމަ ގުޑްސް ޑެކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށާއި، އޭގެ ޑިއުޓީވެސް ނަގާނެ ކަމަށް އުސޫލުގައިވެއެވެ.

މި އުޞޫލްގައި ވާގޮތުން ޕޯސްޓުގެ މަގުން ގެންނަ ތަކެތީގައި، ކޮންމެ ޓްރެކިން ނަންބަރެއް ބެލެވޭނީ ވަކި ޝިޕްމަންޓެއްގެ ގޮތުގައެވެ. އަދި އެއް ޕޯސްޓުބޭގެއްގައި އެކަކުގެ ނަމުގައި ގެނެސްފައި ހުންނަ ތަކެތިވެސް ބަލާނީ އެއް ޝިޕްމަންޓެއްގެ ގޮތުގައިކަމަށް އުސޫލުގައިވެއެވެ.

ޑޮކްޓަރެއްގެ ބޭސް ސިޓީއާއެކު ގިނަވެގެން 6 މަސްދުވަހަށް ގެންނަ ބޭހުން އަގަށް ރިޢާޔަތްކުރުމެއްނެތި ދޫކުރާނެކަމަށް އުޞޫލްގައިވެއެވެ. މީގެ އިތުރަށް ކޮމާޝަލް ވެލިއު ނުހުންނަ ލިޔުންތަކާއި ޑޮކިއުމަންޓްސް، ޕޯސްޓްކާޑް ނުވަތަ އިލެކްޓްރޯނިކް މީޑިޔާގައި ހުންނަ އެކި ބާތަތްތަކުގެ ލިޔެކިޔުމާއި ޑޮކިއުމަންޓްތަފަދަ ތަކެތިން ޑިއުޓީ މަޢާފްކޮށް ދޫކުރާނެކަމަށް އުޞޫލްގައިވެއެވެ. އަދި އާންމުކޮށް ހިލޭ ބެހުމަށް ގެންނަ އެކި ބާވަތްތަކުގެ ލީފްލެޓް، ބްރޯޝަރ، ޕޯސްޓަރ ފަދަ ތެކެތިންވެސް ޑިއުޓީ މަޢާފްކޮށްފައިވެއެވެ.

މި އުޞޫލްގައި ވާގޮތުން ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެނެނަ ތަކެތީގެ އަގު 50 ޑޮލަރަށްވުރެ ބޮޑުނަމަ އެއީ ސާމްޕަލްކަން ދޭހަވާގޮތަށް ފާހަގަޖަހާފައި ހުންނަވްނާނެކަމަށް ބުނެފައިވެއެވެ.

އައު އުސޫލުގައި ޑިއުޓީ މަޢާފްކޮށްދޭނެ އިތުރު ތަކެތީގެ ތެރޭގައި، ރާއްޖެއިން ބޭރުގައި 6 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް އުޅޭފައި އަންނަ މީހާ އަމިއްލަ ބޭނުމަށް ގެންނަ ތެކެތިން ކަސްޓަމްސްއިން ކަނޑައަޅާ އެފް.އޯ.ބީ އަގުން 9،000 ރުފިޔާގެ ތަކެތީގެ ޑިއުޓީ މަޢާފްކޮށްދޭނެކަމަށް ބުނެފައިވެއެވެ. އަދި ރާއްޖެއިން ބޭރުގައި 1 އަހަރާއި 3 އަހަރާއި ދެމެދު ހުރުމަށްފަހު އަންނަ މީހުންނަށް ޑިއުޓީއާ ނުލައި ގެނެވޭނީ ކަސްޓަމްސްއިން ކަނޑައަޅާ އެފްއޯބީ އަގުން 11،500 ރުފިޔާގެ ތަކެތިކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން 3 އަހަރަށްވުރެ ދިގު މުއްދަތަކަށްފަހު ރާއްޖެ އަންނަ މީހުންނަށް އަމިއްލަ ބޭނުމަށް ޑިއުޓީއާ ނުލައި ގެނެވޭނީ ކަސްޓަމްސްއިން ކަނޑައާލާ އެފްއޯބީ އަގުން 14،000 ރުފޔާގެ ތަކެތިކަމަށްވެސް ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މަޢާފްކުރުމުގެ އުސޫލުގައިވެއެވެ.

މި އުސޫލުގައި ޑިއުޓީ އިނާޔަތްދިނުން އިސްތިސްނާވާ ތަކެތީގެ ލިސްޓެއްވެސް ހިމަނާފައިވެއެވެ. އޭގެތެރޭގައި ޕްލާސްޓިކްގެ ބައެއް ބާވަތްތަކާއި، އެނާޖީ ޑްރިންކާއި، މޮޓޯ ސައިކަލާއި އޮޓޯ ސައިކަލުގެ އިތުރުން އެއްގަމުގައި ދުއްވާ 4 ފުރޮޅުލީ އުޅަނދު ހިމެނެއެވެ.

މި އުސޫލުގައި ޑިއުޓީ މަޢާފްކުރުމާއި ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއެއް ކޮމިޝަނަރަ ޖެނެރަލް އޮފް ކަސްޓަމަސް އުފައްދަންވާނެކަމަށާއި، ޤަވާއިދުން ތަކެތީގެ ރެކޯޑް ބެލެހެއްޓުންވެސް ލާޒިމްކޮށްފައިވެއެވެ.