ޚަބަރު

މަސްވެރިން ކިރުވާފައިވާ މަހަށް ދައްކަންޖެހޭ ފައިސާ މާދަމާ ދޫކުރާނެ: މިފްކޯ


  • މިއަހަރުގެ މިހާތަނަށް ސަރުކާރުން 353 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވޭ

މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ މާދަމާ ދޫކާނެކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިން ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ ދައްކަނީ ސަރުކާރާއި މިފްކޯއާއި ގުޅިގެން ކުރެވުނު މަސައްކަތުންކަމަށެވެ.

މިފްކޯއިން ބައިނަލްއަގްވާމީ ބާޒާރުގައި މަސް ވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

މާދަމާ ދޫކުރާ ފައިސާގެ ތެރޭގައި މީގެކުރިން ދައްކަން އޮތް 52 މިލިއަން ރުފިޔާގެ އިތުރުން، މިދިޔަ 2 ހަފްތާގައި މަސްވެރިން ކިރުވާފައިވާ މަހަށް ދައްކަންޖެހޭ ފައިސާވެސް ހިމެނޭނެކަމަށް މިފްކޯއިން ބުނެއެވެ.

މާދަމާ ދޫކުރާ ފައިސާ ހިމަނައިގެން މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރެވޭނެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މީގެއިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާވެސް ދޫކޮށްފައިވާކަމަށް މިފްކޯއިން ބުނެއެވެ. މިގޮތުން ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު މަސް ދޯނިފަހަރަށް ދޫކޮށްފައިކަމަށް އެ ކުންފުނިން ބުނެއެވެ.

މިފްކޯއިން ބުނީ މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫންކަމަށެވެ. އެހެންކަމުން މަސްވެރިންނަށް ފައިސާ ދިނުމުގެ ހުރިހުރި ދަތިތައް ޙައްލުކުރުމަށް، މިފްކޯއިން މަސް ގަންނަ އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގަކަށްކަމަށް މިފްކޯއިން ބުނެއެވެ. އަދި މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިޢުލާންކުރަމުންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެކަމަށެވެ.