ޚަބަރު

މުއައްސަސާތަކުގެ އިޖްތިމާޢީ ވިއުގަ "އާރޯ" އިފްތިތާޙުކޮށްފި


މިނިވަން މުއައްސަސާތައް ގުޅިވަޑައިގެން، އިޖްތިމާޢީ ކަންކަން ކުރިއަށް ހިންގެވުމަށް ފެއްޓެވި ޙަރަކާތް "އާރޯ" ރަސްމީގޮތުން މިއަދު އިފްތިތާޙުކުރައްވައިފިއެވެ. މި ޙަރަކާތަކީ މިނިވަން މުއައްސަސާތަކުގެ ގުޅުން ބަދަހިކުރައްވައި، މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެން ހިންގެވުމަށް ހަމަޖެހިފައިވާ އިޖްތިމާޢީ ވިއުގައެކެވެ. ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި ޙަރަކާތް އިފްތިތާޙް ކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމެވެ.

އާރޯއަކީ، މިނިވަން މުއައްސަސާތައް ގުޅިގެން، އިޖްތިމާޢީ އެކިއެކި ކަންކަން ރާއްވަވައި ހިންގެވުމަށް މަސައްކަތްކުރައްވާނެ ޙަރަކާތެކެވެ. މި ޙަރަކާތުގައި، ޕަބްލިކް ސަރވިސް މީޑިއާވެސް ހިމެނޭ ގޮތުން 14 މުއައްސަސާއަކުން ބައިވެރިވެވަޑައިގަންނަވައެވެ.

މިރަސްމިޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ ވަނީ ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ހިންގާ އެކި ޙަރަކާތްތަކުގައި ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކުން ބައިވެރިވެވަޑައިގަތުމަށް ގޮވާލައްވާފައެވެ. އާރޯ ޙަރަކާތުގެ ލޯގޯ އާއި، ޙަރަކާތްތަކާ ގުޅޭ ލަވައެއްވެސް ވަނީ ލޯންޗްކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/14633177575608.jpg|"އާރޯ" އެންވަޔަރަމަންޓް މިނިސްޓަރ އިފްތިތާހުކޮށްދެއްވަނީ / ފޮޓޯ: ޕީއެސްއެމް

އާރޯ ޙަރަކާތުން ފުރަތަމަ ހިންގެވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކީ، ތިމާވެށި ޙިމާޔަތްކުރައްވައި، ރާއްޖެ ފެހިކުރެއްވުމަށް ހިންގަވަން ހަމަޖެހިފައިވާ ގަސް އިންދިމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ގަސްއިންދެވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި އަލަށް ހިއްކެވި ސަރަޙައްދުގައެވެ. މިކަން އޮންނާނީ މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމަށްވާ، ޖޫންމަހުގެ 5 ވަނަ ދުވަހުގެ އެއްދުވަސް ކުރިން ޖޫން 4 ވަނަ ދުވަހުއެވެ. މިކަމުގައި މިނިވަން މުއައްސަސާތަކުގެ އެންމެ އިސްވެރިންނާއި ވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިނިވަން މުއައްސަސާތައް ގުޅިވަޑައިގެން ހިންގެވުމަށް ހަމަޖެހިފައިވާ އިޖްތިމާޢީ ޙަރަކާތް، "އާރޯ" ރަސްމީގޮތުން އިފްތިތާޙުކޮށްދެއްވުމަށްފަހު އެންވައިރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ އާރޯ ޙަރަކާތުގެ ފެށުމެއްގެ ގޮތުން ޖޫން މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ގަސް އިންދުމުގެ ޕްރޮގްރާމަށް ތަޢުރީފު ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، މިފަދަ ޕްރޮގްރާމްތައް ހިންގެވުމާއެކު އެއަށްވުރެވެސް ބޮޑަށް އިސްކަންދޭންވީ، ތިމާވެށްޓަށް އަންނަ ބަދަލުތައް ހުރިހާ އެންމެންނަށް އަންގައިދެއްވުމަށްކަމަށެވެ.

ތިމާވެށްޓަ ލިބޭ ގެއްލުން ކުޑަކުރުމާއި، ތިމާވެށްޓާ ރަށްޓެހި މާޙައުލެއް ޤާއިމުކުރުމަށް ޖޫން މަހުގެ 4 ވަނަ ދުވަހު މިނިވަން މުއައްސަސާތަކުން ސޮއިކުރެއްވުމަށް ނިންމަވާފައިވާ އިޤްރާރުގެ މަށްޗަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ރާއްޖެއަކީ އަބަދުވެސް ސާފުކޮށް އޮންނަ ތަނަކަށް ހެދުމަށް އެންމެންވެސް މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14633178754361.jpg|"އާރޯ" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސީއެސްސީގެ ރައީސް ޑރ.އަލީ ޝަމީމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ؛ ޕީއެސްއެމް

މިރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑޮކްޓަރ ޢަލީ ޝަމީމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ޙަރަކާތުގެ މަސައްކަތްތަކުން ޤައުމަށް ލިބެން އެދިވަޑައިގަންނަވާ މަންފާގެ މައްޗަށް ބައްލަވާލެއްވިއެވެ.

މިނިވަން މުއައްސަސާތަކުގެ ޙަރަކާތް، އަރޯ ގެ މަސައްކަތްތަ ހަރުދަނާ ގޮތެއްގައި ފެއްޓެވުމަށާއި ޙަރަކާތްތައް ހަރުދަނާ ގޮތެއްގައި ހިންގަވަން މުއައްސަސާތަކުން ގެންދަވަނީ ތައްޔާރުކުރައްވަމުންނެވެ. މިކަމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވަނީ، ކޮންމެ މުވައްސަސާއަކުން އޮފިޝަލަކު ހިމެނިވަޑައިގަންނަވާ ގޮތަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުންނެވެ.