ޚަބަރު

ޖަލުގައި މަރުވާ ކޮންމެ ގައިދީއެއްވެސް ދެން އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު: ވަޒީރު


  • ޝައްކު ކުރެވުނަސް ނުކުރެވުނު ނަމަވެސް ޖަލުގައި ނިޔާވެއްޖެނަމަ ޕޯސްޓްމޯޓަމް ހަދާނެ

  • މީގެފަހުން ގަޑިއަކު އެއްފަހަރު ގައިދީން ނަމާދުގައި ތިބިނަމަވެސް ބަލާނެ

ޖަލުގައި ނިޔާވާ މީހުންގެ ހަށިގަނޑު މީގެފަހުން ޢާއިލާއާއި ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މިގޮތަށް ޢަމަލުކުރެއްވުމަށް ނިންމެވީ ޖަލުތަކުގައި ހިނގާ މަރުތަކާއި ބެހޭގޮތުން އާއްމުންގެ ހިތުގައި މުއައްސަސާތަކާއި މެދު ޝައްކު އުފެދޭނެ އެއްވެސް ޖާގައެއް ނުދެއްވުމަށްކަމަށެވެ.

ހުކުރު ދުވަހު ޖަލުގައި ނިޔާވި ގައިދީގެ މަރާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ޖަލުގައި ގައިދީއަކު ނިޔާވެގެން ކަން ހިނގާދިޔަ ގޮތުގެ މިތަޖުރިބާއަށްފަހު މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއެއްގެ ހަށިގަނޑު ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމެއް ހެދުމަށްފަހުކަމަށެވެ. އަދި އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދާ ރިޕޯޓް ލިބި މުއައްސަސާތަކުން ފުރިހަމައަށް ޖަވާބުދާރީވުމަށް ތައްޔާރުވެގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއަދުން ފެށިގެން ބަދަލުކުރާ އަނެއް ސިޔާސަތަކީ މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއަކު ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމެއް ހެދުމަށްފަހު. ޢާއިލާ އާއި ޙަވާލުކުރަނީ ޕޯސްޓްމޯޓަމްހަދާ އެކަމުގެ ރިޕޯޓުލިބި މުވައްސަސާތަކަށް ފުރިހަމައަށް ޖަވާބުދާރީވާން ތައްޔާރުވެވުމުން." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު އިޙްސާން ވިދާޅުވީ، ޖަލުތަކުގައި މިވަގުތު ޙާލަތު ހުރީ ބައިނަލްއަޤުވާމީ ސްޓޭންޑަޑުތަކާއެއްގޮތަށް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ބޭތިއްބޭނެ ހުރިހާ ކަމެއް ފުރިހަމައަށް ނޫންކަމަށެވެ. އަދި ޖަލުތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިހާރު އާއްމު އުސޫލަކީ ގަޑިއަކު އެއްފަހަރު ބެލުންކަމުގައި އޮތްނަމަވެސް އަޅުކަމުގައި މަޝްއޫލުވެ ޚާއްސަކޮށް ސަޖިދައިގައި މީހަކު އޮންނަނަމަ އޭނާގެ އަޅުކަމަށް ދަތިވާނެހެން މީގެކުރިން ބަލާ ޗެކްކޮށްފައިނުވާކަމަށެވެ. އެހެންނަމަވެސް ހިނގާދިޔަ މިޙާދިސާއަށްފަހު މީގެފަހުން ކޮންމެ ގަޑިއިރަކުން މީހާ ހުރި ޙާލެއް ބެލުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ގައިދީންނަށް އަމާން މާޙައުލެއް ޤާއިމުކުރުމަށް އެކި ސަރަޙައްދުތަކުގައި މޮނީޓަރިން ކެމެރާ 24 ގަޑިއިރު ހުންނަކަމަށް ކަރެކްޝަންސްއިން ފާހަގަކުރައްވައެވެ. އެހެންނަމަވެސް އަދި ހުރިހާ ގައިދީންގެ ކަންކަން 24 ގަޑިއިރު މޮނީޓަރ ކުރެވޭނެ އިންތިޒާމެއް ނެތުމުން އެކަން ޤާއިމުކުރެއްވުމަށްވެސް މަސައްކަތްކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ބަންދުކޮށްފައިވަނިކޮށް ނިޔާވެފައިވަނީ ށ. ފުނަދޫ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ މުޙައްމަދު ޖަމީލްއެވެ. އޭނާއަކީ 12 ޖުލައި 2023 ވަނަ ދުވަހު ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ މީހެކެވެ.