ޚަބަރު

ކޮޕާ އެމެރިކާ: ބްރެޒިލްއަށް ފުރަތަމަ މޮޅު، ކޮސްޓަ ރިކާ ބަލިކޮށް ކޮލަމްބިއާ ކުއާޓާއަށް


މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވިނީޝަސް ޖޫނިއާގެ އެހީތެރިކަމާއެކު ބްރެޒިލުން ފުރަތަމަ މޮޅު ހޯދިއިރު ކޮސްޓަ ރިކާ ބަލިކޮށް، ކޮލަމްބިއާ އިން ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

ޕެރަގުއޭ އަތުން ބްރެޒިލް މޮޅުވީ 1-4 އިންނެވެ. ކޮލަމްބިއާ އިން ކޮސްޓަ ރިކާ ބަލިކުރީ 3-0 އިންނެވެ.

މި ނަތީޖާއާއެކު ގްރޫޕް ޑީ ގެ އެއްވަނައިގައި އޮތީ ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ކޮލަމްބިއާ އެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި ބްރެޒިލް އޮތްއިރު، ތިނެއްގައި އޮތް ކޮސްޓަ ރިކާ އަށް ލިބިފައިވަނީ ދެ މެޗުން އެއް ޕޮއިންޓެވެ. ފުލުގައި އޮތް ޕެރަގުއޭ އަށް ޕޮއިންޓެއް ނުލިބެއެވެ.

އެމެރިކާގެ ލަސް ވެގަސްގައި ހުންނަ އެލީޖިއަންޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބްރެޒިލުން ލީޑްނެގީ 35 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަރު، ލޫކަސް ޕަކޭޓާ ދިން ބޯޅައަކުން ވިނީޝަސް ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ހަތަރުވަރަކަށް މިނެޓު ކުރީން، ބްރެޒިލަށް ލީޑްނަގައިދޭން ރަނުގެ ފުރުޞަތެއް ޕަކޭޓާ އަށް ލިބި ވަނީ ބޭކާރުވެފައެވެ. ބްރެޒިލަށް ލިބުނު ޕެނަލްޓީއަކުން ޕަކޭޓާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 43 ވަނަ މިނެޓުގައި ބްރެޒިލްގެ ދެވަނަ ލަނޑުޖަހައިދިނީ ސާވިއޯ އެވެ. އޭގެކުރިން، ބްރޫނޯ ގިމަރޭޝް ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި ވިނީޝަސް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

ޕެރަގުއޭ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮމަރް އަލްޑަރެޓޭ އެވެ. އޭގެކުރީން، ފުރަތަމަ ހާފުގައި ޕެރަގުއޭ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ޑެމިއަން ބޮބޮޑިލާ ފޮނުވާލި ބޯޅަ ބްރެޒިލްގެ ކީޕަރު، އެލިސަން ބެކާ މަތަކުރިއެވެ. ބްރެޒިލުން ޖެހި ހަތަރުވަނަ ލަނޑު، 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޕަކޭޓާ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ބްރެޒިލްގެ ކޯޗު، ޑޮރިވާލް ޖޫނިއާ ވަނީ، ޕެރަގުއޭއާ ދެކޮޅަށް ވިނީޝަސްގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެއް ކަމަށް ބުނެފައެވެ. އަދި އޭނާގެ ޓީމަށް ވަގުތުދިނުމަށާއި، މިސްރާބު ހުރީ ރަނގަޅަށް ކަމަށް ކުރީން ވެސް ބުނެފައިވާ ކަމަށް ޑޮރިވާލް ޖޫނިއާ ފާހަގަކުރިއެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ކޮލަމްބިއާ އިން ޖެހި ތިން ލަނޑުގެ ތެރެއިން އެ ޓީމަށް ފުރަތަމަ ހާފުގައި ޖެހުނީ އެންމެ ގޯލެކެވެ. އަނެއް ދެ ލަނޑުޖެހީ ފަހު ހާފުގެ ކުޅުމުގެ ތެރެއިން ތިން މިނެޓުގެ ތެރޭގައެވެ. އެގޮތުން، މެޗުގެ 31 ވަނަ މިނެޓުގައި ކޮލަމްބިއާ އަށް ގޯލް ހުޅުވައިދިނީ ލިވަޕޫލްގެ ވިންގް، ލުއިސް ޑިއާޒް އެވެ. އޭނާ މި ލަނޑުޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

ކޮލަމްބިއާ އިން ޖެހި ދެވަނަ ލަނޑު، 59 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގެ އެހީގައި އެ ޓީމުގެ ޑިފެންޑަރު، ޑެވިންސަން ސަންޗޭޒް ކާމިޔާބުކުރީ ބޮލުންނެވެ. އޭގެ ތިން މިނެޓުފަހުން، ޖޮން ކޯޑޯބާ ވަނީ ވަރަށް ހަނިއޭންގަލަކުން ކާމިޔާބުކުރި ގޯލަކުން ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

ބްރެޒިލަށް ދެން އޮތީ ކޮލަމްބިއާ އާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ހަމައެދުވަހު މި ގްރޫޕުގެ އަނެއް މެޗުގައި ޕެރަގުއޭ ނިކުންނާނީ ކޮސްޓަ ރިކާއާ ދެކޮޅަށެވެ. މި ގްރޫޕުން ކުއާޓާ އަށް ދާނެ ދެވަނަ ޓީމު އެނގިގެންދާނެ މި މެޗުތަކަށްފަހު އެވެ.

ކޮޕާ އެމެރިކާގައި ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު، ގްރޫޕް އޭގައި އާޖެންޓީނާ އާ ޕެރޫ ބައްދަލުކުރާއިރު އަނެއް މެޗުގައި ކެނެޑާ ނިކުންނާނީ ޗިލީއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ފަތިހު 5 ޖަހާއިރު އެވެ.