ޚަބަރު

ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް އަންނަމަހު ބާއްވަނީ


  • މި ކޮންފަރެންސް އޮންނާނީ ޖުލައި 3 އިން 4އަށް އިސްލާމީ މަރުކަޒުގެ ހޯލުގައި

  • 180 ފަރާތުން މިކޮންފަރެންސްގައި ބައިވެރިވާނެ

ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް އަންނަ މަހު ބޭއްވުމަށް މާލީ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.

މި ކޮންފަރެންސް އޮންނާނީ ޖުލައި 3 އާއި 4 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ކޮންފަރެންސް އަމާޒުކޮށްފައިވަނީ ދައުލަތުގެ އިދާރަތަކާއި ކައުންސިލްތަކަށެވެ.

މާލީ ވުޒާރާގެ ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮމިޓީގެ ޗެއަރޕަރސަން އައިމިނަތު ރީމާ ރަޝީދު، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މި ކޮންފަރެންސްގެ އެންމެ ބޮޑު މަޤުސަދަކީ، ދައުލަތުގެ އިންޓަރނަލް އޮޑިޓް ކުރާ ފަރާތްތަކަށް އިތުރު ތަމްރީނު ދިނުމާއި، އިންޓަރނަލް އޮޑިޓާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުންކަމަށެވެ.

" އަޅުގަނޑުމެންގެ މަޤްސަދަކަށް ވެގެން އެބަދޭ، މިދާއިރާ ތަރައްޤީކުރުމާއި އިންޓަރނަލް އޮޑިޓަކީ ކޮބާކަން މީހުންނަށް ސާފުކޮށްދިނުން، ދެން މި ކޮންފަރެންސް ވެގެންމިދަނީ އަޅުގަނޑުމެންނަށް މިދާއިރާގައި މަަސައްކަތް ކުރާ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، މަޢުލޫމާތު ޙިއްސާކުރުމަށްލިބޭ ފުރުސަތަކަށް " ރީމާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ އޮޑިޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތަޖުރިބާތައް ޙިއްސާ ކުރާނެއެވެ. އަދި އިންޓަރނަލް އޮޑިޓަރުންނަށް ދިމާވާ ގޮންޖެހުންތަކާއި އެ މައްސަލަތައް ހައްލުކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން އަމަލީ ގޮތުން އޮޑިޓްކުރުމާއި އޮޑިޓް ރިޕޯޓުހެދުމުގެ ވޯކްޝޮޕްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް، މާލީ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.

މިއީ ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސެވެ. މިދިޔަ އަހަރުގެ ކޮންފަރެންސްގައި އޮންލައިންކޮށް އަދި ހާޒިރުވެގެން 200 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާއިރު މިއަހަރު 180 ފަރާތުން ބައިވެރިވެއެވެ. މިދިޔަ އަހަރާއި ޚިލާފަށް މިއަހަަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ، ހުރިހާ ބައިވެރިން ފިޒިކަލްކޮށް ބައިވެރިވެގެން ކަމަށް ވެސް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

"މިފަހަރުގެ ތީމަކަށް ކަނޑައަޅާފައި މިއޮތީ ޝޭޕިންގ ގަވަރނަންސް - އިންޓަރނަލް އޮޑިޓް ފޮރ ޕަބްލިކް ސެކްޓަރ ޓްރާންސްފޮމޭޝަން، އެހެންވީމަ، ޓްރާންސްފޮމޭޝަނަށް ނުވަތަ އިދާރާތަކުގެ މަސައްކަތްތަކާއި އިޖުރާޢަތްތަކާއި ޕްރޮސެސްތައް ބަދަލުކުރުމުގައި އޮޑިޓަރުންގެ ދައުރަކީ ކޮބައިކަމާމެދު މަހާސިންތާގެ މަޝްވަރާތައް އަމާޒުކުރެވިފައި ވާނީ" މާލީ ވުޒާރާގެ އިންޓަރނަލް އޮޑިޓް ސްޕެޝަލިސްޓް މުޙައްމަދު ޒައީމް ވިދާޅުވިއެވެ.

ދައުލަތުގެ އިންޓަރނަލް އޮޑިޓަކީ ދައުލަތުގެ ނަމުގައި ހިނގަމުންދާ އެކައުންޓްތަކާއި ފަންޑުތަކާއި، ދައުލަތުގެ މާލީ ހިސާބުތަކުގެ ޞައްޙަކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ބާރުލިބިގެން މާލީ ވުޒާރާއިން ޤާއިމުކޮށްފައިވާ ނިޒާމެކެވެ. ދައުލަތުގެ މުދަލާއި ފައިސާ އަދި ލިޔެކިޔުންތއް ބަލަހައްޓައި، ކަންކަން ކުރިއަށް ދަނީ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށްތޯ ބެލުމަކީ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ޒިންމާއެކެވެ.