ޚަބަރު

ކެންސަރު ބައްޔަށް ފަރުވާ ހޯދާ ޣައްޒާގެ 21 މީހުން މިޞްރަށް ގެންގޮސްފި


ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ޣައްޒާގެ ރައްޔިތުންގެ ތެރެއިން 21 މީހުންނަށް ފަރުވާ ދިނުމަށް މިޞްރަށް ގެންގޮސްފިއެވެ. އެ މީހުން ޣައްޒާއިން ބޭރު ކޮށްފައި ވަނީ ކާރިމް އަބޫ ސާލިމް ހުރަހުންނެވެ. މިޞްރުގެ އަލް-ޢަރީޝްގެ ޞިއްޙީ އޮފިޝަލެއް ވިދާޅުވީ, އެ 21 މީހުންނަށް ފަރުވާ ދިނުމަށް މިޞްރު މަގުން އެކުވެރި ޢަރަބި އިމާރާތަށް ގެންދަން ހަމަޖެހިފައިވާ ކަމުގައެވެ.

މިއީ, މޭ 6ވަނަ ދުވަހު ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ބަރުހަތިޔާރާ އެކު ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އަރައި, އެ ރަށާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު ބަންދު ކުރި ފަހުން ބޭސްފަރުވާއަށް ޖެހިފައިވާ ބަޔަކު އެ ސަހަރުން ބޭރު ކުރި ފުރަތަމަ ފަހަރެވެ. ރަފަޙުގެ ހުރަސް ބަންދު ކޮށްފައި ވަނީ, 2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ހުރަސް އެޅުމުގެ ގޮތުންނެވެ.

ރަފަޙު ހުރަސް އަލުން ހުޅުވައިލުމަށް ކުރަމުންދާ މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނެތެވެ. ރަފަޙް ހުރަހުގެ ފަލަސްޠީނުގެ ފަޅިއަށް އަތްގަދަ ކޮށްފައިވާ ޔަހޫދީ ފައުޖުގެ ސިފައިންނާ މުޢާމަލާތް ކުރަން މިޞްރުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި, އަލުން ފަލަސްޠީނުގެ އަތް މައްޗަށް ރަފަޙް ހުރަސް ދޫކޮށްލުމަށް މިޞްރުން ދަނީ ބާރު އަޅަމުންނެވެ. ނަމަވެސް, ޔަހޫދީންގެ ހައްދުފަހަނަ އެޅި އަސްކަރިއްޔާއިން ދަނީ އެ ކަމާ ދެކޮޅު ހަދަމުންނެވެ.

މި ވަގުތު ޣައްޒާއަށް މަދު ޢަދަދެއްގެ ކާބޯތަކެތި އެތެރެ ކުރަމުން ދަނީ ކާރިމް އަބޫ ސާލިމް މަގުން އެކަންޏެވެ. ނަމަވެސް, އެ ކަަމަށް ވެސް ޔަހޫދީ ފައުޖުން ދަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވަމުންނެވެ. މި ގޮތުން, ޣައްޒާއަށް އެތެރެވުމުގެ ހުއްދަ ދެނީ ދުވާލެއްގެ މައްޗަށް އެންމެ 90 ލޮރީއަށެވެ. އދއިން ބުނީ, ޣައްޒާގައި ހާލުގައި ޖައްސާފައިވާ 2.3 މިލިޔަން މީހުންގެ ބަނޑުފުރާނަ މުއްތި ކުރުމަށާއި ޒަރޫރީ ބޭނުންތައް ފުއްދަން ދުވާލެއްގެ މައްޗަށް 500 ލޮރީގެ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބޭނުންވާ ކަމުގައެވެ.

ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް ހުރަސް އެޅުމަކީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ހަނގުރާމައިގެ ކުށެކެވެ. މި ކަމާ ގުޅިގެން ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށް ބުނެ, އދއިން އެތަކެއް ފަހަރަކު ވަނީ އިންޒާރު ކޮށްފައެވެ. ޣައްޒާގެ މުސްލިމުންނަށް އިންސާނީ މޫސީބާތެއް ކުރިމަތި ކުރުވާފައިވާ ކަމުގައި ވެސް އދއިން ބުނެއެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,765އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 86,429އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.