ޚަބަރު

ޓީޗަރުން ތަމްރީން ކުރެއްވުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި


މާލެއާއި މާލޭ އަތޮޅު ސްކޫލްތަކުގެ ސައިންސް މާއްދާ ކިޔަވައިދޭ ޓީޗަރުން ޤައުމީ އައު މަންހަޖުގެ ކީ ސްޓޭޖް 2 އަށް ތަމްރީން ކުރެއްވުމުގެ މަސައްކަތު ބައްދަލުވުމެއް ނޭޝަނަލް އިންސިޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ފަށައިފިއެވެ.

ޕޮލިޓެކްނިކްގައި 3 ދުވަހަށް ކުރިއަށް ގެންދަވާ މި މަސައްކަތު ބައްދަލުވުމާ ގުޅޭގޮތުން މީޑިއާ މައުލޫމާތުދެއްވަމުން އެންއައިއީގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރ އާމިނަތު އިސްމާޢީލް ވިދާޅުވީ ކީ ސްޓޭޖް 2 ގައި ބޭނުންކުރާ ވަޞީލަތްތަކަކީ ޓީޗަރުންނަށް މިހާރުގެ ކަރިކިއުލަމަށް ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ ތަކެތިކަމުން، އެތަކެއްޗަށް ޓީޗަރުން އަހުލުވެރިކުރުން ކަމަށެވެ. އަދި ޓީޗަރުންނަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި އެކަމަށް ޙައްލެއް ހޯއްދެވުންކަމަށް އާމިނަތު އިސްމާޢީލް ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ކީ ސްޓޭޖް 2 ގައި ކިޔަވާ ދަރިވަރުންނަށް ސައިންސް މާއްދާގެ 3 ފޮތެއް ވަނީ އިފްތިތާޙު ކުރައްވާފައެވެ. މި 3 ފޮތް އިފްތިތާޙްކޮށްދެއްވީ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ. ޤައުމީ އައު މަންހަޖުގެ ކީ ސްޓޭޖް 2 ގައި ހިމެނެނީ ގްރޭޑް 4 ން ފެށިގެން ގްރޭޑް 6 ދެމެދު ކިޔަވަމުންދާ ދަރިވަރުންނެވެ.