މިހާރު ކުރިއަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބާއި ޓީސީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އީގަލްސް 3-1 އިން ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވަނީ ޖާގަ ހޯދާފައެވެ. ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ފެށުމުގެ ކުރިން ވަނީ މީގެ އެއް ދުވަސް ކުރިން މަރުވި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ވައިސް ކެޕްޓަން، މުހައްމަދު އާރިފް (ބަކާ)ގެ ހަނދާނުގައި ސުކޫތެއް ގެެނެސްފައެވެ.
ސަސް އިން ވަނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ލީޑުނަގާފައެވެ. މި ގޯލު ޖެހީ މެޗުގެ 43 ވަަނަ މިނިޓްގައި މުހައްމަދު އިޒާން އަލީ އެވެ. ދެވަނަ ހާފުގައި ސަސްގެ ހޫދު ފޮނުވާލި ޕެނަލްޓީ ކާމިޔާބުވާ ގޮތްނުވިއިރު މެޗުގެ 78 ވަނަ މިނިޓްގައި އީގަލްސްއިން އެއްވަރުކުރީ މުހައްމަދު އައިމަން ޖެހި ލަނޑުންނެވެ.
އީގަލްސްއިން ނަތީޖާ ހަމަހަމަކުރިތާ ހަތަރު މިނެޓުފަހުން ސަސް އިން އަނެއްކާ ވެސް ލީޑުނެގި އެވެ. އެއީ ހަސަން ހައިޝަމް އަހުމަދު ޖެހި ލަނޑުންނެވެ. ސަސް އަށް ފައިނަލުގެ ޖާގަ ޔަގީންކޮށްދިން ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އިޒާން އެވެ.
މުބާރާތުގެ ސެމީ ފައިނަލް ދެ ވަނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 2-1 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ވަނީ ފައިނަލުގެ ފަހު ޖާގަ ޔަގީންކޮށްފައެވެ. ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި، ފުރަތަމަ ނުވަ މިނިޓް ތެރޭ ޓީސީގެ އާދަމް ޝިޔާން މުހައްމަދު ވަނީ ދެ ގޯލު ޖަހާފައެވެ. މާޒިޔާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން، ލަނޑެއް ޖަހައިފައެވެ. މާޒިޔާގެ ގޯލު ޖެހީ، އަހުމަދު މިލްހާން މުހައްމަދު އެވެ.
އާދިއްތަ ދުވަހުގެ ފައިނަލުގައި ޓީސީން ކުޅޭނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެވެ.