ކުޅިވަރު

ޓީ20 ކްރިކެޓް ވޯލްޑް ކަޕް: އިންގްލެންޑް ބަލިކޮށް އިންޑިއާ ފައިނަލަށް


މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ދެވަނަ ސެމީގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން، އިންގްލެންޑް ބަލިކޮށް އިންޑިއާ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިންޑިއާ އިން މި މެޗު ކާމިޔާބުކުރީ 68 ލަނޑުގެ ތަފާތަކުންނެވެ.

ވެސްޓް އިންޑީޒްގެ ގަޔާނާގައި ހުންނަ ޕްރޮވިޑެންސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އިންގްލެންޑުން ގަސްދުކުރީ ހޮވަން އަރާށެވެ. މި މެޗުގެ ފުރަތަމަ އިނިންގްސްގެ ކުޅުން ވެސް ވިއްސާރައިގެ ސަބަބުން ލަސްވިއިރު، އިންޑިއާ އިން ބެޓްކުރަމުންދަނިކޮށް ވާރޭގެ ސަބަބުން މެދުކަނޑާލަންވެސް ޖެހުނެވެ.

އިންޑިއާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ވިކެޓަށް 171 ލަނޑުހެދިއެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 57 ލަނޑުހެދި އެ ޓީމުގެ ކެޕްޓަން، ރޯހިތު ޝަރްމާ އެވެ. މި އިނިންގްސްގައި އޭނާ ވަނީ ދެ ފަހަރު ހަޔަކަށް، އަދި ހަ ފަހަރު ހަތަރަކަށް ޖަހައިފައެވެ. އެޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނު ސޫރްޔަކުމާރް ޔާދަވް 36 ބޯޅައިން 47 ލަނޑުހެދިއިރު، ހާޑިކް ޕާންޑްޔާ ވަނީ 13 ބޯޅައިން 23 ލަނޑުހަދައިފައެވެ. ކުރީގެ ކެޕްޓަން، ވިރާތު ކޯލީ ނުބައިވީ އެންމެ ނުވަ ލަނޑަށެވެ.

އިންގްލެންޑުން އެންމެ ރަނގަޅަށް އުކީ ތިން އޯވަރުގެ ތެރޭގައި 37 ލަނޑަށް ތިން ވިކެޓްނެގި ކްރިސް ޖޯޑަން އެވެ. އެ ޓީމުން ދެން އުކި ރީސް ޓޮޕްލޭ އާއި ޖޮފްރާ އާޗާގެ އިތުރުން ސޭމް ކުރަން އާއި އަދީލް ރަޝީދު ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.

ޖަވާބުގައި ކުޅެން އަރައި، 16.4 އޯވަރުގެ ތެރޭގައި އިންގްލެންޑުގެ ހުރިހާ ކުޅުންތެރިން ނުބައިވީ 103 ލަނޑަށެވެ. އެ ޓީމުން ކިރިޔާ ވެސް ހިތްވަރެއް ކުރެވުނީ ޖޮސް ބަޓްލާ އާއި ހެރީ ބްރޫކް އަދި ޖޮފްރާ އާޗާ އަށެވެ. މި ތިން ކުޅުންތެރިން ފިޔަވައި އެހެން ކުޅުންތެރިއަކަށް ވިއްސަށްވުރެ މަތީން ސްކޯ ނުކުރެވުނެއެވެ. އެންމެ ގިނައިން ސްކޯކުރީ ބްރޫކް 25 ލަނޑުހެދިއިރު، އެ ޓީމުގެ ކެޕްޓަން، ބަޓްލާ ނުބައިވީ 23 ލަނޑަށެވެ. އާޗާ ވަނީ 15 ބޯޅައިން 21 ލަނޑުހަދައިފައެވެ.

މި އިނިންގްސްގައި އިންޑިއާ އިން އެންމެ ރަނގަޅަށް އުކީ ސްޕިން ބޯލަރުން ކަމަށްވާ، އަކްޝަރް ޕަޓޭލް އާއި ކުލްދީޕް ޔާދަވް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަކްޝަރު ވަނީ ހަތަރު އޯވަރުގެ ތެރޭގައި 23 ލަނޑަށް ތިން ވިކެޓްނަގައިފައެވެ. މީގެތެރޭގައި ހިމެނެނީ އިންގްލެންޑްގެ އެންމެ ކުރީން ކުޅެން ނިކުންނަ ތިން ކުޅުންތެރިންގެ ވިކެޓެވެ.

ދެން އެންމެ ރަނގަޅަށް އުކި ކުލްދީޕް ވަނީ ހަތަރު އޯވަރުގެ ތެރޭގައި 19 ލަނޑަށް ތިން ވިކެޓްނަގައިފައެވެ. އިންޑިއާ އިން ދެން އެންމެ ބޮޑަށް ފާހަގަވީ ޖަސްޕްރީތު ބުމްރާ ވަނީ ދެ ވިކެޓްނަގައިފައެވެ.

މުބާރާތުގެ ފައިނަލްގައި އިންޑިއާ ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑު ރާއްޖޭގަޑިން 7:30 ގައެވެ.