ކުޅިވަރު

ޖޫނިއަރ އާއި ސީނިއަރ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން އިޢުލާންކޮށްފި


ކުރިއަށްހުރި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރާ ރާއްޖޭގެ ޖޫނިއާ ޤައުމީ ވޮލީބޯޅަ ޓީމާއި ސީނިއާ އަންހެން ޓީމުގެ ކުޅުންތެރިން އިޢުލާނުކޮށްފިއެވެ.،

ސީނިއަރ އަދި ޖޫނިއަރ ޤައުމީ އަންހެން ވޮލީބޯޅަ ޓީމު އިޢުލާން ކުރުމަށް އިމާދުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި މި ވުޒާރާގެ ސްޓޭޓް މިިނިސްޓަރުން ވަނީ ބައިވެރިވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި އެ ކުޅުންތެރިންނަށް ވަނީ ސީނިއަރ އަދި ޖޫނިއަރ ޤައުމީ އަންހެން ވޮލީބޯޅަ ޓީމަށް ހޮވުނުކަމުގެ ސެޓްފިކެޓް ހަވާލުކުރިއެވެ.

ސީނިއާ އަންހެންޓީމުގެ ހެޑު ކޯޗަކަށް ހަމަޖެއްސީ ތަޖުރިބާކާރު ކޯޗު ސޮފްވާން އަޙްމަދެވެ. ސޮފްވާންގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާނީ އަޙްމަދު އަދީލް (ބޭބެ) އެވެ.

މީގެ އިތުރުން ޒުވާން ގައުމީ ޓީމުގެ ކޯޗުގެ މަގާމު ފަތުހުﷲ ވަހީދު (ފައްލޯ) އާ ހަވާލުކޮށްފައެވެ. ފައްލޯ މަސައްކަތްކުރާނީ 20 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމުގައެވެ. ފައްލޯގެ އެސިސްޓެންޓަކަށް އިސްމާޢީލް ޖިނާޒް ހަމަޖެއްސިއިރު، ޓީމުގެ ޓްރެއިނަރަކަށް ހަމަޖެއްސީ މަރިޔަމް ހަލީމް (ކޮކޯ) އެވެ.

ގައުމީ އަންހެން ޓީމުން މި އަހަރު ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ވާދަކުރާނެއެވެ. އެއީ އަންނަ އޯގަސްޓް މަހު ނޭޕާލްގައި ބާއްވާ ކާވާ ވޮލީބޯލް ނޭޝަންސް ލީގާއި، ސެޕްޓެމްބަރު މަހު މާލޭގައި ބާއްވާ ވޮލީބޯލް ޗެލެންޖް ކަޕުގައެވެ. ޒުވާން ޓީމު ތައްޔާރުވަމުން އަންނަނީ އަންނަ ޖުލައި މަހު މާލޭގައި ބާއްވަން ތައްޔާރުވާ 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕަށެވެ.