ޚަބަރު

ކޮޕާ އެމެރިކާ: ވެނެޒުއެލާ ކުއާޓާ އަށް، ހަ އަހަރު ތެރޭ އެކުއޭޑޯގެ ފުރަތަމަ މޮޅު


މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މެކްސިކޯ ބަލިކޮށް، ވެނެޒުއެލާ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، ހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އެކުއޭޑޯ މޮޅުވެއްޖެއެވެ.

ވެނެޒުއެލާ އިން މެކްސިކޯ ބަލިކުރީ 1-0 އިންނެވެ. ޖެމެއިކާ އަތުން އެކުއޭޑޯ މޮޅުވީ 1-3 އިންނެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ގްރޫޕް ބީ ގެ އެއްވަނައިގައި އޮތް ވެނެޒުއެލާ އަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެކުއޭޑޯ އާއި ތިނެއްގައި އޮތް މެކްސިކޯ އަށް ލިބިފައިވަނީ ދެ މެޗުން ތިން ޕޮއިންޓެވެ. ފުލުގައި އޮތް ޖެމެއިކާ އަށް ޕޮއިންޓެއް ނުލިބެއެވެ.

ގާތްގަނޑަކަށް 72 ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 57 ވަނަ މިނެޓުގައި ވެނެޒުއެލާ އަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ސަލޮމަން ރޮންޑޮން އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ޖޮން އަރަމްބުރޫ އަށް މެކްސިކޯގެ ހޫލިއަން ކީނޯނެސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ޖެހި ގޯލާއެކު ރޮންޑޮން ވަނީ ގައުމީ ޓީމަށް ކުޅުނު 107 މެޗުގައި ޖެހި ލަނޑުގެ އަދަދު 42 އަށް އަރާފައެވެ. މި ލިސްޓުގެ ދެވަނައިގައި އުޅޭ ހުއަން އަރަންގޯ އަށް ޖެހިފައިވަނީ 23 ގޯލެވެ.

ފަހު ހާފުގެ ކުޅުން ނިމެންދަނިކޮށް، މެޗުގެ ނަތީޖާ އެއްވަރުކުރަން މެކްސިކޯ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން ވެނެޒުއެލާގެ މިގުއެލް ނަވާރޯގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ މެކްސިކޯގެ އޯބެލިން ޕިނޭޑާ ފޮނުވާލުމުން ވެނެޒުއެލާގެ ކީޕަރު، ރަފައެލް ރޯމޯ މަތަކުރިއެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި އެކުއޭޑޯ އިން ޖެމެއިކާ ބަލިކޮށް 2016 ވަނަ އަހަރުގެ ފަހުން ކޮޕާ އެމެރިކާގެ ފުރަތަމަ މޮޅު ހޯދިއިރު އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެލަނޑު ޖަހައިފައެވެ. މި މެޗުގެ 13 ވަނަ މިނެޓުގައި އެކުއޭޑޯ އިން ލީޑްނެގީ ޖެމެއިކާގެ ކެސީ ޕާމާ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން އެކުއޭޑޯގެ ދެވަނަ ލަނޑުޖަހައިދިނީ 17 އަހަރުގެ ފޯވާޑް، ކެންޑްރީ ޕައެޒް އެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ޖެމެއިކާގެ ހަމައެކަނި ލަނޑުޖަހައިދިނީ މިހައިލް އެންޓޯނިއޯ އެވެ. އަދި އޭގެފަހުން، ފަހު ހާފުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގެ ތެރޭގައި އެކުއޭޑޯގެ ތިންވަނަ ލަނޑުޖަހައިދިނީ އެލަން މިންޑާ އެވެ.

މި ގްރޫޕުގައި ރޭ ފަތިހު ކުޅުނު މެޗުތަކަށްފަހު ޖެމެއިކާ ވަނީ މުބާރާތުން ކަޓައިފައެވެ. އެ ޓީމަކީ މި ފަހަރުގެ ކޮޕާ އެމެރިކާގައި މިހާތަނަށް ކެޓި ހަމައެކަނި ޓީމެވެ.

މި މުބާރާތުގައި ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު ޕެނަމާއާ ދެކޮޅަށް އެމެރިކާ ނިކުންނައިރު އުރުގުއޭ ބައްދަލުކުރާނީ ބޮލީވިއާ އާ އެވެ.