ޚަބަރު

ޚާއްސަ ވުޒާރާއަކާއެކު ލާމަރުކަޒީ ނިޒާމު ފައްކާވާކަމުގެ މަލަމަތި ދަނީ ފެންނަމުން: ޑރ. ޒުލްފާ


  • ސިޓީތަކާބެހޭ ވުޒާރާއިން ދަނީ ކައުންސިލްތަކާ ގާތުން މަސައްކަތްކުރަމުން

  • ކައުންސިލަރުން ތަމްރަން ޚާއްސަ އިސްކަމެއް ދޭކަމަށް ވިދާޅުވި

ލާމަރުކަޒީ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށް ޚާއްސަކޮށްގެން އުފެއްދެވި ސަރުކާރުގެ ވުޒާރާއަކާއެކު ނިޒާމު ފައްކާވާކަމުގެ މަލަމަތި ފެންނަމުންދާކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.

ޑރ. ޒުލްފާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފައްކާވުމުގެ މަލަމަތި މިހާރު ފެންނަމުންދާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ފައްކާކޮށް ހަރުދަނާކުރުމަށް ޚާއްސަ ވުޒާރާއެއް އުފައްދަވާފައިވާކަން ޑރ. ޒުލްފާ ފާހަގަކުރެއްވިއެވެ. އެގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން އެލްޖީއޭއާއި ކައުންސިލްތަކާ ބައްދަލުކުރައްވާ ނިޒާމުގައިހުރި މައްސަލަތައް ދެނެގަނެ، ހައްލުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކައުންސިލަރުން ތަމްރީންކުރުމަށް ކަމަށާއި އެހެންކަމުން ކައުސިލަރުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ހަދައި، އެމީހުންނަށް ފޭސް ޓު ފޭސް ތަމްރީނުތައް ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެލްޖީއޭގެ ސީއީއޯ ވިދާޅުވިއެވެ.

"ކައުންސިލަރުން ސިޔާސީ ގޮތުން ތަފާތުކުރުން ދޫކޮށްލަން އެބަޖެހޭ. އަދި ޤާނޫނުގައި ބުނާ ގޮތަށް ރައްޔިތުންނަށް ޚިދުމަތްކުރަން ކައުންސިލަރުން އެބަޖެހޭ. އަޅުގަނޑުމެން މިދަނީ ކައުންސިލަރުންނަށް ތަމްރީންދެމުން. ވަރަށް ގިނަ ކައުންސިލްތަކުން ސިޔާސީ ވިސްނުން ދޫކޮށްލާފައި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ވިސްނުން ގެންގުޅޭ." ޑރ. ޒުލްފާ ވިދާޅުވިއެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ފައްކާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ނަމުގައި އެކަމަށް ޚާއްސަ ވުޒާރާއެއް ވަނީ އުފައްދަވާފައެވެ. މި ވުޒާރާއިން ލާމަރުކަޒީ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމަށް ޚާއްސަ ދިރާސާއެއް މިހާރު ދަނީ ކުރަމުންނެވެ. އަދި ކޮންމެ އަތޮޅެއްގެ ކަންކަން ބަލަހައްޓާނެ މީހުން އެ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.