ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކްއައުޓް ބުރުގައި ފްރާންސާއި ބެލްޖިއަމް ވާދަކުރަން ޖެހިއްޖެ އެވެ. މިއީ ތަރިންގެ މައްޗަށް އެކުލެވޭ ދެޓީމް ނަމަވެސް ގްރޫޕް ސްޓޭޖް ނިންމާލަން ޖެހުނީ ގްރޫޕްގެ އެއްވަނަ ނުލިބިއެވެ. ފްރާންސް ހިމެނުނު ގްރޫޕުން އެއްވަނަ ހޯދީ އޮސްޓްރިއާ އެވެ. ފްރާންސަށް ލިބުނީ ދެވަނަ އެވެ. ބެލްޖިއަމް ފެވަރިޓުންގެ ގޮތުގައި އޮވެ، ލިބުނީ ދެވަނަ އެވެ. އެގްރޫޕްގެ އެއްވަނަ ހޯދީ ރޮމޭނިޔާއެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ވެސް ގްރޫޕް ސްޓޭޖް ނިންމާލީ ދެވަނަ ޓީމްގެ ގޮތުގައެވެ. ގަދަ 16 ބުރުގައި އިޓަލީ ވާދަކުރަން ޖެހޭނީ ސްވިޒަރލެންޑާ އެވެ. ގަދަ 16 ޓީމް ވާދަކުރާ ބުރުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެރޭ 2100 ގައި ފުރަތަމަ ވާދަކުރާނީ ވެސް މިދެޓީމެވެ.
މުބާރާތް ބާއްވާ ގަުއމު ޖަރުމަނު ވާދަކުރާނީ ޑެންމާކާއެވެ. ޖަރުމަނަކީ ގްރޫޕްގެ އެއްވަނަ އެވެ. ޑެންމާކް ހިމެނޭ ގްރޫޕްގައި އިންގްލެންޑްގެ ފަހަތުން ލިބުނީ ދެވަނަ އެވެ. އިންގްލެންޑް ނޮކްއައުޓް ބުރުގައި ވާދަކުރާނީ ސްލޮވާކިޔާ އާއެވެ. ސްލޮވާކިޔާ ގަދަ 16 އަށް ދަތުރުކުރީ ތިންވަނަ އަށް ދިޔަ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖަ ހޯދި ޓީމްތަކުގެ ތެރޭގައި ހިމެނިގެންނެވެ.
ސްޕެއިން ވާދަކުރާނީ ޕޯޗްގަލް ބަލިކޮށް ފުރުޞަތު ހޯދި ޖޯޖިޔާއާ އެވެ. ޖޯޖިޔާއަކީ އެގްރޫޕްގެ ތިންވަނަ ޓީމެވެ. ޕޯޗްގަލް އަށް އޮތީ ސްލޮވީނިޔާ އެވެ. ސްލޮވީނިޔާ އަކީ އިންގްލެންޑް ގްރޫޕްގެ ތިންވަނަ ޓީމެވެ. ނެދަލެންޑްސް ވާދަކުރާނީ ރޮމޭނިޔާ އާއެވެ. ރޮމޭނިޔާއަކީ ހައިރާން ކުރުވަނިވި ނަތީޖާތަކާއެކު ބެލްޖިއަމް ހިމެނުނު ގްރޫޕްގެ އެއްވަނަ ހޯދި ޓީމެވެ. ނެދަލެންޑްސް ގަދަ 16 އަށް ދަތުރުކުރީ ތިންވަނަ ޓީމްތަކުގެ ތެރެއިންނެވެ. ގަދަ 16 ގައި އޮސްޓްރިއާ ވާދަކުރާނީ ތުރުކީއާއެވެ.