ޚަބަރު

ބަކާގެ އާއިލާއަށް އޭއެފްސީގެ ތައުޒިޔާ


ކުއްލި ގޮތަކަށް ނިޔާވި ރާއްޖޭގެ މައްޝޫރު ފުޓްބޯޅަ ލެޖެންޑް މުހަންމަދު އާރިފް (ބަކާ) އަށް އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ހާއްސަ ތައުޒިޔާއެއް ކިޔަފިއެވެ.

އޭއެފްސީގެ ރައީސް ސަލްމާން ބިން ހަލީފާ ސޮއިކުރައްވާ ނެރުނު ބަޔާނެއްގައި ބުނެފަވަނީ ބަކާގެ ކުއްލިވަކިވެދިޔުމަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ފުންހިތާމައެއް ކަމަށާއި ދިވެހި ފުޓްބޯޅައަށް ދިމާވި ހިތާމަވެރި ދަނޑިވަޅުގައި ބައިވެރިވާކަމަށެވެ. އަދި ބަކާ އަކީ ފާހަގަކޮއްލެވޭ ފުޓްބޯޅަ ކުޅުންތެރިޔެއް ކަމަށާއި ބަކާ ފާހަގަވެފައިވަނީ ފުޓްބޯޅަށް ވަރަށް ލޯބިކުރި އަދި އެ ކުޅިވަރުގައި ކުރިޔަށްދިޔަ ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށެވެ.

ބަކާގެ ހަނދާންތައް އޭޝިޔާގެ ފުޓްބޯޅައިގައި އަބަދުވެސް ދިރިދެމިހުންނާނެ ކަމަށް އޭއެފްސީގެ ބަޔާނުގަވެއެވެ.

މި އުނދަގޫ ދަނޑިވަޅުގައި ބަކާގެ އާއިލާ އާއި އެކުވެރިންނަށް ލިބިގެންދިޔަ ހިތާމައިގައި އޭއެފްސީ ފުރިހަމަޔަށް ބައިވެރިވާކަމަށްވެސް ބަޔާނުގައިވެއެވެ. ބަކާ ވަނީ ކެރިއަރުގެ މުހިންމު ދުވަސްވަރުގައި އޭއެފްސީގައި މުބާރާތަކުގައި ގިނަ އަހަރުތަކެއްގައި ވާދަކޮއްފައެވެ.

ޙައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިފަހުން މުޙައްމަދު އާރިފް (ބަކާ) ގެ ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފަ ވަނީ އަންގާރަ ދުވަހު އެވެ.