ކުޅިވަރު

ރުމޭނިއާ އިން އަނެއް ބުރަށް ދާނެ، މި ހިސާބުން އަހަރެމެންގެ ދަތުރު ނުނިމޭނެ: އިއޮޑަނެސްކޫ


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ގައި މިރޭ ސްލޮވާކިއާ އާ ދެކޮޅަށް ނިކުތުމުގެ ކުރީން ދެއްކި ވާހަކައިގައި، ރުމޭނިއާގެ ކޯޗު، އެޑްވާޑް އިއޮޑަނެސްކޫ ވަނީ، ރުމޭނިއާ އިން މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި އަނެއް ބުރަށް ދާނެ ކަމަށާއި، މިހާ ހިސާބުން އޭނާގެ ޓީމުގެ ދަތުރު ނުނިމޭނެ ކަމަށް ބުނެފައެވެ.

އިއޮޑަނެސްކޫ މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ސްލޮވާކިއާ އާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ އޭނާގެ ކުޅުންތެރިންނާއި، އޭނާގެ ހަޔާތުގައި މިހާތަނަށް ކުޅެވޭނެ އެންމެ މުހިއްމު މެޗަށް ކަމުގައި ވެސް އިއޮޑަނެސްކޫ ބުންޏެވެ. އަދި އެ މެޗު ފަސޭހަނުވާނެކަން އެނގޭ ކަމަށާއި، އެންމެ މުހިއްމު ކަމަކީ މުބާރާތުގެ އަނެއް ބުރަށް ކޮލިފައިވުން ކަމަށް ވެސް އޭނާގެ ވާހަކައިގައި ފާހަގަކުރިއެވެ.

ރުމޭނިއާގެ ކުޅުންތެރިން ވަނީ ސަޕޯޓަރުން ދެކެމުންއައި ގޮތްތައް ބަދަލުކޮށް، ކުރިން އޮތް ލޯތްބާއި ގަދަރު އަލުން ހޯދާފައި ކަމަށް ވެސް އިއޮޑަނެސްކޫ ވަނީ ބުނެފައެވެ. މިއާއެކު، މެޗު ބެލުމަށް ހުރިހާ ސަޕޯޓަރުން އެނބުރި ދަނޑުތަކަށް އައިސްފައިވާ ކަމަށް ވެސް އިއޮޑަނެސްކޫ ބުންޏެވެ.

ހުރިހާ ސަޕޯޓަރުން ވެސް މެޗުގައި ތަރުހީބުދިނުމަށް ދޭން ބޭނުންކުރާ ސާމާނުތައް ހިފައިގެން ދަނޑަށް އައިސް ސަޕޯޓްކުރުމަށް ތައްޔާރަށް ތިބެން ވާނެ ކަމަށާއި، މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކުރި މަސައްކަތަށް ބަލާއިރު ޓީމާ މެދު އިތުބާރު އެބައޮތް ކަމަށް ވެސް އިއޮޑަނެސްކޫ ބުނެފައިވެއެވެ.

އޭނާގެ ޓީމުން ނިކުންނަނީ ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށް ކަމަށާއި، ސްލޮވާކިއާ ޓީމަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށް ވެސް އިއޮޑަނެސްކޫ ވަނީ ބުނެފައެވެ. އަދި، ރުމޭނިއާ އިން އެމީހުންގެ ހަގީގީ ފެންވަރު ދައްކާލައި، މިހާތަނަށް ކުރިމަތިވީ އުނދަގޫތަކަށް ހައްލު ހޯދައި، ނިކުންނާނީ މޮޅުވުމުގެ އަމާޒުގައި އަނެއް ބުރަށް ކޮލިފައިވުމަށް ކަމަށް ވެސް އިއޮޑަނެސްކޫ ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރުމޭނިއާ އާ ސްލޮވާކިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.