ޚަބަރު

އާރިފް ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް: ރައީސް


  • ރައީސް ވިދާޅުވީ އާރިފަކީ ކުޅިވަރަށް އަގުހުރި ޚިދުމަތެއް ކޮށްދެއްވި ކުޅުންތެރިއެއްކަމަށް

  • ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރެއްވި

  • ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް ވަނީ ތަޢުޒިޔާ ފޮނުއްވާފައި

ޤައުމީ ފުޓުބޯޅަ ކުޅުންތެރިޔާ މުޙައްމަދު ޢާރިފް (ބަކާ) އަކީ ފުޓުބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ހުނަރުވެރި ކުޅުންތެރިއެއްކަމަށާއި، އާރިފް ނިޔާވުމަކީ ލިބުނު ފުން ހިތާމައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް، ވަކިން ޚާއްޞަކޮށް ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި، ޤައުމަށް ފަޚްރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ޢާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއްކަމަށެވެ.

މިހިތާމަވެރި ވަގުތު މަރްޙޫމް މުޙައްމަދު ޢާރިފްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ކުރައްވާފައެވެ. އަދި މަރްޙޫމް މުޙައްމަދު ޢާރިފަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، ކީރިތިﷲގެ ނިޢުމަތާ ރަޙްމަތުގައި ލެހެއްޓެވުން އެދި ދުޢާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފްވެސް ވަނީ މުޙައްމަދު އާރިފްގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

އެކްސްގައި ނައިބު ރައީސް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވި ޚަބަރު އެއްސެވީ ކުއްލި ހައިރާން ކަމާއެކުކަމަށެވެ. އަދި މާތްﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށް އެދި ދުޢާކުރައްވާ މަރްޙޫމްގެ ޢާއިލާއަށް ނައިބު ރައީސް ތަޢުޒިޔާ ވިދާޅުވިއެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށް ފަހު ރާއްޖެ އައިއިރު، ބަލިވުމުގެ ސަބަބުން އާރިފަށް އޭޑީކޭ ހޮޕިޓަލްގައި ފަރުވާދޭން ފެށީ އިއްޔެ ހަވީރުއެވެ. ފަރުވާދެމުން ދަނިކޮށް އާރިފް ނިޔާވީ މިއަދު އިރުއޮއްސި
06:05 ހާއިރުއެވެ.