ޚަބަރު

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުޙައްމަދު އާރިފް ނިޔާވެއްޖެ


  • މުޙައްމަދު އާރިފް ނިޔާވީ އައިސީޔޫގަ ފަރުވާ ދެމުން ދަނިކޮށް

  • ނިޔާވިއިރު އުމުރަކީ 38 އަހަރު

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުޙައްމަދު އާރިފް ނިޔާވެއްޖެއެވެ.

ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޙައްމަދު އާރިފް ނިޔާވެފައިވާކަން އޭޑީކޭ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޙައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިފަހުން މުޙައްމަދު އާރިފް (ބަކާ) ގެ ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ދިޔައީ ފަރުވާ ދެމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިިބިފައިވާ ގޮތުގައި އުމުރުން 38 އަހަރުގެ ބަކާގެ ހާލަތު ގޯސްވީ އެނބުރި ރާއްޖެ އައިފަހުން ހުންގަދަވެ އިންފެކްޝަނެއް އުފެދިގެންނެވެ.

ރާއްޖެއިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕު ހޯދި ޓީމުގައި ބަކާ އަކީ މުހިއްމު ކުޅުންތެރިއެކެވެ. ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅައިގައި އޭނާ ނުފެންނަނީ އަނިޔާގެ މައްސަލަތަކާއި ފިޓްނަސްގެ މައްސަލަތަކުގެ ސަބަބުންނެވެ. ނަމަވެސް ރަސްމީކޮށް ކުޅުން ހުއްޓާލިކަން ހާމައެއް ނުކުރެއެވެ.

ބޭރުގެ ލީގެއްގައި ކުޅުނު ރާއްޖޭގެ މަދު ކުޅުންތެރިންގެ ތެރޭގައި ބަކާ ހިމެނެއެވެ. އޭނާ ވަނީ މިޔަންމާ ލީގުގެ ޓީމަކަށް މީގެކުރިން ކުޅެފައެވެ. އަދި ކުލަބު ލެވެލްގައި ގިނަ ކާމިޔާބީތަކެއް އޭނާ ވަނީ ހޯދާފައެވެ.

ބަކާ އަކީ ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ފާތުމަތު ފިލްޒާގެ ފިރިކަލުންނެވެ.