ޚަބަރު

ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ބަކާގެ ހާލަތު ގޯސްވެ އައިސީޔޫގައި


ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިފަހުން ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ގެ ހާލު ގޯސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިިބިފައިވާ ގޮތުގައި އުމުރުން 38 އަހަރުގެ ބަކާގެ ހާލަތު ގޯސްވީ އެނބުރި ރާއްޖެ އައިފަހުން ހުންގަދަވެ ލޭގެ އިންފެކްޝަނެއް އުފެދުމުގެ ސަބަބުންނެވެ. އަދި މިހާރު ހާލަތު ގޯސްވުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

އައިސީޔޫގައި އޮތުމުން އިތުރު މީހަކަށް އެތެރެއަކަށް ނުވަދެވެއެވެ. ނަމަވެސް ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް އޭނާގެ ގާތް އެކުވެރިން މަޢުލޫމާތު ދިނެވެ.

ރާއްޖެއިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕު ހޯދި ޓީމުގައި ބަކާ އަކީ މުހިއްމު ކުޅުންތެރިއެކެވެ. އަނިޔާގެ މައްސަލަތަކާއި ފިޓްނަސްގެ މައްސަލަތަކުގެ ސަބަބުން ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅައިގައި އޭނާ މިހާރު ނުފެނެއެވެ. ނަމަވެސް ރަސްމީކޮށް ކުޅުން ހުއްޓާލިކަން އަދި ހާމައެއް ނުކުރެއެވެ.

ބޭރުގެ ލީގެއްގައި ކުޅުނު ރާއްޖޭގެ މަދު ކުޅުންތެރިންގެ ތެރޭގައި ބަކާ ހިމެނެއެވެ. އޭނާ ވަނީ މިޔަންމާ ލީގުގެ ޓީމަކަށް މީގެކުރިން ކުޅެފައެވެ. އަދި ކުލަބު ލެވެލްގައި ގިނަ ކާމިޔާބީތަކެއް އޭނާ ވަނީ ހޯދާފައެވެ.