ސިއްހަތު

މަދިރި ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕޭން މިއަދު ފަށްޓަވައިފި


މަދިރި ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕޭން މިއަދު ފަށްޓަވައިފިއެވެ.

އޮފީސްތަކާ ކުންފުނިތަކާއި ޖަމާއަތްތައް ހިމެނޭ ގޮތަށް ޖުމްލަ 12 ފަރާތަކުން މި ކެމްޕޭންގައި ބައިވެރި ވެފައިވެއެވެ. ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމާއި އެކު ރާއްޖޭގައި ޑެންގީ ހުން ފެތުރެމުންދާތީ، ސަރުކާރުން އިސްވެ، މިކަމުން ރައްކާތެރިވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވައެވެ. އެގޮތުން މިއަދު މި ފެށުނު ކެމްޕޭނަކީ މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ކުރިޔަށްގެންދަވާ 3 ވަނަ ޤައުމީ ކެމްޕޭނެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިންތިޒާމްކުރައްވައިގެން ކުރިޔަށްގެންދަވާ މި ކެމްޕޭއިން ފަށްޓަވައިދެއްވީ ޞިއްޙަތާ ބެހޭ ވަޒީރު އިރުތިޝާމް އާދަމްއެވެ.

ކެމްޕޭންގެ އިފްތިތާޙީ ބަޔާނުގައި ،އިރުތިޝާމް ވިދާޅުވީ ،މަދިރިކޮންޓްރޯލް ކުރުމަށް ސަރުކާރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކި ފެންވަރުގައި އަޅުއްވަމުން ގެންދެވިނަމަވެސް، މަދިރި ކޮންޓްރޯލް ކުރުމުގައި އެންމެ އެދެވޭ ނަތީޖާއެއް ނެރެވޭނީ ޢާއްމު ރައްޔިތުންގެ ބައިވެރިވުން މިކަމުގައި ލިބިގެން ކަމަށެވެ. އަދި އުންމީދަކީ ޚާއްޞަ ޙާލަތަކަށް އައުމުގެ ކުރިން މަދިރި ކޮންޓްރޯލްކޮށް، ރާއްޖޭގައި ޑެންގީ ހުން ފެތުރުން މަދުކޮށް،މިކަމުގައި ޒިންމާވާ ހުރިހައި ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައިވެސް، ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ދުރާލާ ފިޔަވަޅު އެޅުއްވުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ޢާއްމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ހިންގޭ މިފަދަ ޤައުމީ ކެމްޕޭނެއްގައި ސަރުކާރުގެ ގިނަ އިދާރާތަކާއި ކުންފުނިތަކާއި، ޖަމާއަތްތަކުން ބައިވެރިވެފައިވާތީ އެކަމަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މަޢުލޫމާތުދެއްވާ ގޮތުގައި، މަދިރި ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕޭންގައި ކަމާގުޅުންހުރި ވުޒާރާތަކާއި، އިދާރާތަކާއި ކުންފުނިތަކާއި ސްކައުޓުންނާއި ގައިޑުންގެ އިތުރުން އެމް.އެން.ޑީ.އެފާއި ފުލުހުންނާއި ރެޑް ކްރެސެންޓް ހިމެނޭ ގޮތަށް ޖުމްލަ 12 އޮފީހަކުން ބައިވެރިވެފައިވެއެވެ. ބާރަ ޞަރަޙައްދަކަށް ބަހާލައިގެން ، ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައިރު، ފޮގް ކުރުމާއި މަދިރިއާލާވާ ތަންތަން ނައްތާލުމުގެ މަސައްކަތް ވަނީ ކުރިޔަށް ގެންގޮސްފައެވެ.