ޚަބަރު

ޖިމްތަކުގެ ބޭނުންހިފައި ދުޅަހެޔޮ މުޖުތަމައަކަށް އެންމެން މަސައްކަތްކުރަންޖެހޭ: ރާފިޢު


  • ޖިމް ހުޅުވީ ސަލާހުއްދީން ޕާކިން އޭރިއާ ބިމުގައި

  • ހެންވޭރުގައިވެސް ޖިމެއް ހެދުމަށް ދަނީ މަސައްކަތްކުރަމުން

  • މިއީ ބަލިތަކުން ދުރު ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރަން ކުރާ މަސައްކަތެއް

ކަސްރަތު ކުރާ ތަންތަން އިތުރުކުރުމަކީ ހެލިފެލިވެ އުޅުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެއްކަމަށާއި އޭގެ ސަބަބުން ބަލިތައް މަދު ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރެވޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެވުޒާރާއާއި ސިޓީ ކައުންސިލް ގުޅިގެން، ސަލާހުއްދީން ޕާކިން ސަރަޙައްދުގައި ޖިމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ސަލާހުއްދީން ޕާކިންގައި މާލޭ ސިޓީ ކައުންސިލުން ހިންގި އައުޓްޑޯ ޖިމް ހަލާކުވުމާ ގުޅިގެން އެތަނުގައި ޖިމް އިކުއިޕްމަންޓްތައް އާކޮށް، މަރާމާތުކޮށް އަލުން މިވަނީ އެ ޖިމް ހުޅުވާފައެވެ. ޖިމް ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމްއެވެ.

ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވީ ޞިއްޙީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ކުރެވޭ ވަރަށް މުހިންމު ހޭދައެއްކަމަށެވެ. އަދި ހަކުރު ބައްޔާ ލޭމައްޗަށް ދިއުމާ ކޮލެސްޓްރޯލްފަދަ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އިތުރުކަމަށެވެ. ކަސްރަތަކީ މިފަދަ ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮ، ހަށިހެޔޮ މީހަކަށް ވުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށް ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.

އަދި މިފަދަ ހަރަކާތްތަކުގައި ގިނަ މީހުން ޝާމިލުވުން އިތުރުކުރުމަކީ މުޖުތަމަޢުގެ ގުޅުން ބަދަހިވެ، ނަފްސާނީ ގޮތުންވެސް ދުޅަހެޔޮ މީހަކަށް ވުމަށް އެހީވެދޭ ކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ވަރަށް އެދެން މިފަދަ ފެސިލިޓީތަކުގެ ބޭނުން ވީހާވެސް ރަނގަޅަށް ހިފުމަށް. އޭރުން ޑިމާންޑް އިތުރުވީމަ އަޅުގަނޑުމެންނަށްވެސް މަޖުބޫރުވާނެ ފެސިލިޓީތައް އިތުރުކުރަންވެސް. ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް." ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ ޖިމްގެ މަރާމާތުގެ ވާހަކަ ހިއްސާކުރުމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެކަމަށް ވަރަށް ފުރިހަމައަށް އިޖާބަދެއްވިކަމަށެވެ. އަދި މާލޭގެ އިތުރު ސަރަޙައްދުތަކުގައި އިތުރު ޖިމްތައް ޤާއިމުކުރުމުގެ މަސައްކަތް އެވުޒާރާއާ ގުޅިގެން ކުރިއަށްގެންދަވާނެކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އަމާޒަކީ އައުޓްޑޯ ޖިމްތަކަކީ ހުރިހާ ވަގުތެއްގައިވެސް ބޭނުންކުރެވޭގޮތަށް، މަތީގައި ޝޭޑް ދަމާފައި ހުންނަ ތަންތަނަށް ހެދުންކަމަށެވެ.

"ހެންވޭރުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ އެ އަވަށުގައި ޖިމެއް ހުރުން. އެ މަސައްކަތް ވަރަށް އަވަހަށް ކުރާނަން. ޖިމަށް އިކުއިޕްމަންޓް ހޯދުމުގައި އެހީވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައި." މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީގެ ރައްޔިތުންނަށް ކުޅިވަރު ކުޅެ، ހެލިފެލިވެ އުޅެވޭނެ ވަސީލަތްތައް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.