މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ސީ ގައި އުރުގުއޭ އާއި އެމެރިކާ އިން ކުޅުނު ފުރަތަމަ މެޗުތަކުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.
މުބާރާތުގެ އެންމެ ކާމިޔާބު އެއްޓީމު ކަމަށްވާ، އުރުގުއޭ އިން ވަނީ 3-1 އިން ޕެނަމާ ބަލިކޮށްފައެވެ. އެމެރިކާ އިން ބޮލީވިއާ ބަލިކުރީ 2-0 އިންނެވެ.
މި ގްރޫޕުގެ އެއްވަނައިގައި އުރުގުއޭ އޮތްއިރު ދެވަނައިގައި އޮތީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ، އެމެރިކާ އެވެ. މި ދެ ޓީމަށް ވެސް ތިން ޕޮއިންޓާއެކު ފައިދާ ދެ ގޯލް އޮތްއިރު، ތިނެއްގައި އޮތް ޕެނަމާ އާއި ފުލުގައި އޮތް ބޮލީވިއާ އަށް ޕޮއިންޓެއްނުލިބެއެވެ.
އެމެރިކާގެ ފްލޮރިޑާގައި ހުންނަ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ޑޮމިނޭޓްކޮށް އުރުގުއޭ އިން ވަނީ ގިނަ ހަމަލާތަކެއް ޕެނަމާ ގޯލަށް އަމާޒުކޮށް ފޮނުވާލައިފައެވެ. މި މެޗުގައި އުރުގުއޭ އިން ލީޑްނެގީ 16 ވަނަ މިނެޓުގައި މެކްސްމިލިއާނޯ އަރައޫހޯ ދުރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މި ގޯލާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.
މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އުރުގުއޭގެ ދެވަނަ ލަނޑު، ޑާވިން ނޫނޭޒް ކާމިޔާބުކޮށްދިންއިރު އޭގެފަހުން މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ނިކޮލަސް ޑި ލާ ކްރޫޒް ދިން ބޯޅައަކުން މަޓިއަސް ވީނާ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. މި މެޗުގައި ޕެނަމާ އިން ޖެހި ހަމައެކަނި ލަނޑު، އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މައިކަލް މުރީލޯ އެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި އެމެރިކާ އިން ޖެހި ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ.
ޓެކްސަސްގައި ހުންނަ އޭޓީއެންޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެމެރިކާ އިން ލީޑްނެގީ ތިންވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް ކާމިޔާބުކޮށްދިން ގޯލުންނެވެ. މި ގޯލާއެކު ގައުމީ ޓީމަށް އޭނާ ކުޅުނު 69 މެޗުގައި ޖަހައިދިން ލަނޑުގެ އަދަދު ވަނީ 30 އަށް އަރާފައެވެ.
ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް އެމެރިކާގެ ދެވަނަ ލަނޑުޖަހައިދިނީ ކުރީން އާސެނަލަށް ކުޅުނު ފޯވާޑް، ފޮލަރިން ބަލޮގަން އެވެ. އޭނާ މި ލަނޑުޖެހީ ޕުލިސިޗް ދިން ބޯޅައަކުންނެވެ.
މި މުބާރާތުގައި އުރުގުއޭ އަށް ދެން އޮތީ ބޮލީވިއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެމެރިކާ ދެން ނިކުންނާނީ ޕެނަމާއާ ދެކޮޅަށެވެ. އެއަށްފަހު މި ދެ ޓީމަށް އޮންނާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެ ދެ ޓީމު ބައްދަލުކުރާ މެޗެވެ.