 
										
			ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރާއްޖެއައުމަށް ފުރައިފިއެވެ. 
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުން އެނބުރި ޤައުމަށް އައުމަށް ހަމަޖެހިފައިވަނީ 4 ދުވަހަށް ބަހާލައިގެންނެވެ. މިއަދު ފުރި ޙައްޖުވެރިން ފުރުވުމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލުވެސް ޖިއްދާ އެއަޕޯޓަށް ވަޑައިގަތެވެ.
ދިވެހި ޙައްޖުވެރިންގެ ތެރެއިން 296 މީހަކު މިއަދު ރާއްޖެއައުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެ ދިއުމަށް ޙައްޖުވެރިން މައްކާ ހޮޓަލުން  ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއަރޕޯޓަށް ދިޔައީ ދަންވަރުއެވެ.  ޙައްޖުވެރިން އެއަރޕޯޓަށްދިޔައީ އެކަމަށް ޚާއްސަކޮށްފައިވާ ބަސްތަކުގައެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖެއަށް ފުރާފައިވަނީ ސަޢުދީޢަރަބިއްޔާގެ ގަޑިން ފަތިހު 5:55 ހާއިރުގައެވެ.
މިފަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް 1150 މީހުން އައެވެ. އަދި އޭގެ ތެރެއިން 1149 މީހަކު ޙައްޖުގެ އަޅުކަން ވަނީ އަދާކޮށްފައެވެ. ހައްޖުވެރިންގެ ދެވަނަ ގްރޫޕު ރާއްޖެއައުމަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ދެން އަންނަމަހުގެ 1 ވަނަ ދުވަހާއި 4 ވަނަ ދުވަހުގައެވެ.
 
ޙައްޖުގެ އަޅުކަން އަދާކުރުމަށް އައި ދެވަނަ ފްލައިޓްގެ ދިވެހިން މިވަގުތު މައްކާގައި ތިބިއިރު 3 އަދި 4 ވަނަ ފްލައިޓްގައި އައި ޙައްޖުވެރިން މިވަގުތު ތިބީ މަދީނާގައެވެ. 
މިއަހަރުގެ ޙައްޖުގެ އިންތިޒާމްތައް ކުރިއަށްދިޔައީ އެހެން އަހަރުތަކަށްވުރެ މާ ފުރިހަމައަށްކަމަށާއި، އެގޮތަށް އެއިންތިޒާމުތައް ކުރިއަށްގެންދިއުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ޚާއްސަ އަޙަމިއްޔަތުކަމެއް ދެއްވިކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.