ސިއްހަތު

ނަރުހުންގެ ތެރޭގައިވެސް ސްޕެޝަލިސްޓުން އުފެދެން ޖެހޭ - މިނިސްޓަރ


ސްޕެޝަލިސްޓް ޑޮކްޓަރުން ފަދައިން ވަކި ދާއިރާތަކަށް ހާއްސަ ސްޕެޝަލިސްޓުން، ނަރުހުންގެ ތެރޭގައިވެސް އުފެދެން ޖެހޭ ކަމަށް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުން ބޭއްވި ޑިނަރ ނައިޓް ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސިއްޙީ ދާއިރާއިން ރާއްޖެއަށް އަންނަމުންދާ ބަދަލުތަކާއިއެކު ސްޕެޝަލިސްޓް ނަރުހުންގެ ދައުރު މުހިންމު ވެފައި ވާކަމަށެވެ. އެގޮތުން ސިއްޙީ ފަރުވާ ދިނުމުގައި ޒަމާނީ ގިނަ ވަސީލަތްތައް ރާއްޖެއަށް ތަޢާރަފް ކުރެވެމުން އަންނައިރު ވަކިވަކި ދާއިރާތަކުން ޢިލްމު ލިބިފައިތިބި ނަރުހުންގެ މުހިންމުކަން ބޮޑުވަމުން އަންނަ ކަމަށް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

ނަރުހުންނަކީ ވަރަށްވެސް މުހިންމު މަސްޢޫލިއްޔަތެއް އަދާކުރާބައެއްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ، ނަރުހުންގެ މި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ނަރުހުންގެ އައު އޮނިގަނޑެއް އެކުލަވާލައްވާ އެއޮނިގަނޑަށް އަންނަ ޖުލައިމަހުގެ އެއްވަނަދުވަހުން ފެށިގެން ޢަމަލުކުރައްވަން ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވާކަމަށެވެ.

ނަރުހުންގެ ދުވަހުގެ ހާއްސަ ޑިނަރ ނައިޓްގައި ދިވެހި ނަރުހުންގެ ޖަމިއްޔާއިންވަނީ ނަރުހުންނަށް ހާއްސަ ފުރުސަތުތަކެއް ޢިއުލާނުކޮށްފައެވެ. އެގޮތުން ނަރުހުންނަށް ހާއްސަ 3 ސްކޮލަރޝިޕަކާއި، ޖަމިއްޔާގެ މެމްބަރުންގެގޮތުގައި ތިބި ހުރިހާ ނަރުހުންނަށް ހިލޭގުޅޭނެފަދަ ޚިދުމަތެއް ދިރާގުގެ އެހީއާއިއެކު އެކުލަވާލާފައިވާކަން އެ ޖަމިއްޔާގެ ފަރާތުން ވަނީ ޢިއުލާނުކޮށްފައެވެ.