ސަރުކާރަށް ސިޔާސީގޮތުން މިއަދު ކާމިޔާބީތައް ހާސިލުވަމުންދާ އެންމެ ބޮޑު ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލީޑަރޝިޕްގެ ހަރުދަނާކަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
"ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވަނީ ރާއްޖޭގައި މީގެކުރިން ވެރިކަންކުރެއްވި ބޭފުޅުން ޕާޓީއާއި ސަރުކާރު ހިންގެވި ގޮތާއި ރައީސް މުއިއްޒު ވެރިކަން ހިންގަވާ ގޮތުގައި ހުރި ތަފާތުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުން ސިޔާސީ ގޮތުން ކުރެއްވި ކަންކަމުގެ ސަބަބުން ޕާޓީއާއި ސަރުކާރަށް ގެއްލުންތަކެއް ލިބުނުކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުއަކީ މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި އަޅާބަލާއިރު ވަރަށް ތަފާތު ބޭފުޅުންތަކެއްކަމަށެވެ. އެގޮތުން ސިޔާސީގޮތުން ބޮޑު ކަމެއް ދިމާވުމުން އެމަނިކުފާނު އަބަދުވެސް ޕާޓީގެ ލީޑަރޝިޕްއާއެކު މަޝްވަަރާކުރައްވާކަމަށާއި، އަދި އެއީ ސަރުކާރަށް ލިބޭ ކާމިޔާބީގެ ސިއްރުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއަދު ވެރިކަމުގައި އޮތް ޕީއެންސީއާއި ޕީޕީއެމްއިން މަސައްކަތްކުރަމުންދަނީ ހަރުދަނާ ލީޑަރޝިޕެއްގެ ދަށުންކަމަށާއި، އަދި ސިޔާސީގޮތުން ސަރުކާރު ބަލިކޮށްލުމަކީ ވާނޭކަމެއް ނޫންކަމަށެވެ.
"ބޮޑުކަމެއް ދިމާވުމުން ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ދެ ޕާޓީގެ ލީޑަރޝިޕާއެކު މަޝްވަރާކުރައްވާ. އެހެންވެ ކާމިޔާބުވަނީ ކަންކަން" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ބޭފުޅުންވެސް މިއަދު އެންމެ ރަނގަޅުވާނީ ރައްޔިތުންގެ ނިންމުތަކަށް އިހްތިރާމްކޮށް، ސަރުކާރަށް ޖެއްސުން ކުރުމުގެ މަސައްކަތް ހުއްޓާލުންކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ސިޔާސީގޮތުން ވަކި ބޭފުޅަކު ވަށައިގެން އެނބުރެން ނޫންކަމަށާއި، ރައްޔިތުން ބޭނުންވަނީ ތަރައްޤީ ހާސިލުކުރުމަށްކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.
"ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންގެ ފޯމްތައް ހަވާލުކުރުންވެސް ކުރިއަށްދިޔައެވެ. އެ ފޯމްތަކާއި ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މީގެއިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުން ތައާރަފްކުރުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.