ޚަބަރު

ފައިސާ ޗާޕުނުކޮށް، އާމްދަނީ ހޯދައިގެން 13 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދައްކައިފިން: ރައީސް


  • ރާއްޖޭގެ އެކި ކުންފުނިތަކަށް 4 ބިލިއަން ރުފިޔާ

  • ސަރުކާރު ކުންފުނިތަކަށް 7 ބިލިއަން ރުފިޔާ

  • ބޭރުގެ ލޯނުތަކަށް 2.7 ބިލިއަން ރުފިޔާ

ސަރުކާރު ވެރިކަމާއި ހަވާލުވިތާ 7 މަސް ދުވަސްވެފައިވާއިރު، އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް، އާމްދަނީ ހޯދައިގެން އެކި ފަރާތްތަކަށް ދައްކަން އޮތް 13 ބިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މިދިޔަ 7 މަސްދުވަހުގެ ތެރޭގައި އިޤްތިޞާދީގޮތުން ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ.

"ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ރައްޔިތުން ދީފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ރައްޔިތުން ބޭނުންވާ ތަރައްޤީގެ ހާސިލުކުރުމުގެ މަސައްކަތްކަމަށެވެ. .

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އިއުލާންކުރައްވާފައިވާ އިޤްތިޞާދީ އެޖެންޑާގައިވާ ކަންކަން ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އަދި އެކަމުގެ ހެޔޮ ނަތީޖާވެސް ފެންނަމުންދާކަމަށެވެ. އެގޮތުން މި ސަރުކާރު ހަވާލުވިތާ 7 މަހާއި ދުވަސްކޮޅެއް ވެފައިވާއިރު، ހާސިކުރި އެންމެ ބޮޑު ކާމިޔާބީއަކީ ފައިސާ ޗާޕުކުރުން ހުއްޓާލުންކަމަށެވެ.

"މަޖިލިސް އިންތިހާބެއް ކުރިމަތީގައި އޮތްވާ އެފަދަ ކަމެއް ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރޭ. ނަމަވެސް ފައިސާ ޗާޕުނުކުރަން ނިންމި ނިންމުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށް، ތައުރީފްކޮށްފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ހަރަދުތައް ފޫބައްދަން ފައިސާ ޗާޕުކުރިނަމަވެސް، އެއީ ގައުމަށް އެންމެ ފައިދާ ހުރި ނިންމުން ނޫންކަމަށާއި، އަދި އެއީ އިހްލާސްތެރި މަސައްކަތެއްވެސް ނޫންކަމަށެވެ. އަދި ފައިސާ ޗާޕުކުރުން ހުއްޓާލުމުގެ އިތުރުން، ބޮޑެތި ތަކުލީފުތައް ނަގަންޖެހޭ ގޮތަށް ސަރުކާރުން ލޯނު ނެގުންވެސް ހުއްޓާލާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ފައިސާ ޗާޕުނުކޮށް، ބޮޑެތި ލޯނުތައް ނުނަގައި، އާމްދަނީ ހޯދައިގެން ދައުލަތުން ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް އެކި ފަރާތްތަކަށް ދައްކާފައިވާކަމަށެވެ. އެގޮތުން އަމިއްލަ އެކި ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާގެ 4 ބިލިއަން ރުފިޔާއާއި، ސަރުކާރުގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭ 7 ބިލިއަން ރުފިޔާ އަދި ބޭރުގެ ލޯނުތަކަަށް ދައްކަންޖެހޭ 2.7 ބިލިއަން ރުފިޔާއާއެކު ޖުމްލަ 13 ބިލިއަނެއްހާ ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށެވެ.

"ފައިސާ ޗާޕުނުކޮށް، ލޯނު ނުނަގައި، އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން 13 ބިލިއަން ރުފިޔާ ދައްކައިފިން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި 2 މިލިއަން ޑޮލަރުކަމަށެވެ. ނަމަވެސް މިވީ 7 މަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށްވެސް 54 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ވާދަވެރި ފަރާތްތަކުން މިހާރު މަސައްކަތްކުރަމުންދަނީ ހަޤީޤަތާއި ހިލާފު ވާހަކަތައް ފަތުރައިގެން ސަރުކާރުން ހޯދަމުންދާ އިޤްތިޞާދީ ކާމިޔާބީތައް ފޮރުވަންކަމަށެެވެ. އެހެންކަމުން ޕީއެންސީގެ މައި ޖަގަހަކަމަށްވާ ޕީއެންސީ ހައުސް މެދުވެރިކޮށް ރައްޔިތުންނަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހަޤީޤަތް ހާމަކޮށްދޭންޖެހޭކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުންދާނީ ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި އިޤްތިޞާދީ އެޖެންޑާ ހާސިލުކުރުމަށްކަމަށާއި، އެކަންކަން ރަނުން ރަނަށް، އަކުރުން އަކުރަށް ފުއްދައިދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.