ޚަބަރު

"ފަހި 913" ކުޅިވަރު ފެސްޓިވަލް - 59 ޓީމް، 1500 ބައިވެރިން


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރަށް ދެއަހަރާއި ބައި ފުރުން ފާހަގަކުރުމަށް ބާއްވާ "ފަހި913" ކުޅިވަރު ފެސްޓިވަލްގެ ބައިވެރިވާ ކުޅިވަރު ޓީމްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައިފިއެވެ. 

މިގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ހަފްލާގައި ޓީމްތަކުގެ މެދުގައި ގުރުއަތުލުން ބާއްވާފައިވާއިރު، 6 ކުޅިވަރެއްގައި 59 ޓީމަކުން ވާދަކުރާކަމަށް ރައީސް ޔާމީން ކެމްޕެއިން އޮފީހުން މަޢުލޫމާތުދެއްވައެވެ. އަދި މި ކުޅިވަރުތަކުގައި 1500 އެއްހާ މީހުން ބައިވެރިވާކަމަށްވެސް އެފަރާތުން މަޢުލޫމާތުދެއްވައެވެ. މިގޮތުން އަންހެނުން އަދި ފިރިހެނުންގެ ފުޓުބޯޅަ، ފުޓްސަލް، ބާސްކެޓް، ބަށި އަދި ބައިބަލާ ޓީމްތައް ހިމެނެއެވެ.  

މިރޭގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ދިވެހި ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ހޯއްދަވާދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާކަން ރައީސް ޔާމިންގެ ސަރުކާރުގެ ފުރަތަމަ 913 ދުވަހުން އެނގިގެންދާކަމަށެވެ. އަދި "ފަހި913" ކުޅިވަރު ފެސްޓިވަލުގައި އެތައް ބައިވަރު ޒުވާނުންތަކެއް ބައިވެރިވުމުން ދޭހަވަނީ، ރައީސް ޔާމިންއާއެކު ޒުވާނުން ތިބިކަންކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. 

ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު ޒުހޫރާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން، ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރުގެ އެކި އެކި ހަރަކާތްތަކުގައި ޝާމިލްވާ ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ. 

"ފަހި913" ކުޅިވަރު ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 17 ވަނަ ދުވަހު ހަވީރު ހަތަރަކުން ބާރައަށް މާފަންނު ސްޓޭޑިއަމްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާ ފަހި 913 ފެސްޓިވަލްގައި އެކި ޢުމުރު ފުރާތަކުގެ މީހުންނަށް ޚާއްސަ ކުޅިވަރުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ކުޅިވަރު ކުޅެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ޔާމީން ކެމްޕެއިން އޮފީހުން ބުނެއެވެ.