ޚަބަރު

ޣައްޒާގެ އަލް-ޝަޠަޢު ރެފިއުޖީ ކޭމްޕަށް ބޮންއަޅައި 42 މީހުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އަލް-ޝަޠަޢު ރެފިއުޖީ ކޭމްޕާއި އަލް-ތުއްފާޙަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ 42 މީހުން ޝަހީދު ކޮށްލައިފިއެވެ. އަލް-ޝަޠަޢަކީ, ޣައްޒާގައި އޮންނަ އަށް ރެފިއުޖީ ކޭމްޕުގެ ތެރެއިން ޣައްޒާ ސިޓީގައި އޮންނަ ގިނަ ޢަދަދެއްގެ ރެފިއުޖީން ދިރިއުޅޭ ކޭމްޕެކެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ އިސްމާޢީލް ޘަވާބްތާ ވިދާޅުވީ, އަލް-ޝަޠަޢުގައި ޢާންމުން ދިރިއުޅޭ ގެއަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުގައި 24 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި, ޣައްޒާ ސިޓީގެ އަލް-ތުއްފާޙުގެ ގެއަކަށް ޙަމަލާދީ 18 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

އަލް-ޝަޠަޢާއި އަލް-ތުއްފާޙްގައި ޢާންމުން ދިރިއުޅޭ ގެދޮރަށް ރަޙުމު ކުޑަ ޙަމަލާތަކެއް ދިނުމަށް ފަހު, ޔަހޫދީ ފައުޖުން ވަނީ އެ ސަރަޙައްދުތަކުގައި އޮތް ޙަމާސްގެ އަސްކަރީ މަރުކަޒުތަކަކަށް ޙަމަލާ ދީފައިވާނެ ކަމަށް ބުނެ އޮޅުވައިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް, އެއީ ޣައްޒާގެ ޢާންމު ރައްޔިތުން ޝަހީދު ކުރުމުގެ ނިޔަތުގައި ދީފައިވާ ޙަމަލާތަކެއްގެ ގޮތުގައި ސިފަކޮށް, ހަމާސް ޖަމާޢަތުން ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމަށް ބުނެ, އިންޒާރު ދީފައެވެ.

އެ ދެ ސަރަޙައްދަށް ޔަހޫދީ ފައުޖުން ޙަމަލާ ދިން ފަހުން ޢާންމު ކޮށްފައިވާ ވީޑިޔޯއިން ފެންނަނީ, ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށާއި, ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް ހޯދަން އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން މަސައްކަތް ކުރަމުންދާ މަންޒަރެވެ.

މީގެ އިތުރުން, ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙަށް އަތްގަދަ ކުރަން ވެސް ޔަހޫދީ ފައުޖުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން, ރަފަޙުގެ އުތުރާއި ހުޅަނގުގައި އޮތް ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ވަނީ އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރު ފޮނުވާފައެވެ. އަދި, އެ ސަރަޙައްދުތަކުގައި އޮތް ރެފިއުޖީ ކޭމްޕުތަކާއި, ފޭލިގެ ކޭމްޕުތަކާއި, ވަގުތީ ހިޔާތަކަށް ޔަހޫދީ ފައުުޖުން ދަނީ މެދުކެނޑުމެއް ނެތި ޙަމަލާތައް އަމާޒު ކުރަމުންނެވެ.

ޖޫން 21ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އަލް-މަވާސީއަށް ވެސް ރަޙުމު ކުޑަ ޙަމަލާތަކެއްދީ, ޢާންމުންގެ 25 މީހުން ޝަހީދު ކޮށްލާފައެވެ. ރަފަޙުގެ ހުޅަނގުގައި އޮތް މަވާސީއަށް ދީފައިވާ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 50އަށް އުފުލިފައެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,598އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 86,032އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.