ތަޢުލީމު

އަންނަ އަހަރު އަމީނިއްޔާގެ އައު ޢިމާރާތް ނިންމާލެވޭނެ


އަންނަ އަަހަރުގެ ޖޫން މަހަށް އަމީނިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ނިންމާލެވޭވަރުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއީލް އަލީ ވިދާޅުވީ، މިސްކޫލް ފަރުމާކޮށްފައި ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ފަސޭހަކަމާއެކު އުޅެވޭނެ ފަދަ ގޮތަކަށް ކަމަށެވެ.

މި ސްކޫލް އިމާރާތް ކުރުމަށްޓަކައި ބޭނުންވާ ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފައްޓަވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ދަނީ، މާލެއާއި އަތޮޅުތަކުގައި މިފަދަ އެތަކެއް މަޝްރޫޢުތަކެއް ހިންގަވަމުންނެވެ.

ސްކޫލްތައް މަރާމާތު ކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން މިއަހަރު ގާތްގަނޑަކަށް 140 މަޝްރޫޢެއްގެ މަސައްކަތް ކުރިޔަށް ދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި މިމަޝްރޫޢުތަކުގެ ތެރެއިން 129 މަޝްރޫޢަކީ އަތޮޅުތަކުގައި ކުރިޔަށްގެންދާ މަޝްރޫޢުތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. 

މި މަޝްރޫޢުތަކުގެ ތެރެއިންވެސް ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތައް ނިންމާލެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.