ޚަބަރު

ވެކޭޝަން އެކްސްޕޯގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި


"ވެކޭޝަން އެކްސްޕޯ 2016" ގައި އެކި ގޮތްގޮތުން ބައިވެރިވާ ފަރާތްތަކާއެކު ޕާޓްނަރޝިޕް އެބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ހޮޓެލް ޖެންގައި ކުރިޔަށްގެންދިޔަ މިރަސްމިޔާތުގައި ތަފާތު 9 ދާއިރާއަކުން ސާދަ ފަރާތަކުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

ހައިރައިޒުން އިންތިޒާމް ކޮށްގެން ކުރިޔަށްގެންދާ މި އެކްސްޕޯއާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ހައިރައިޒްގެ ޑިރެކްޓަރ ސޭލްސް އެންޑް މާރކެޓިންގ އިސްމާޢީލް ޙަމީދު ވިދާޅުވީ އެކުންފުންޏަކީ މީގެ ކުރިންވެސް ގިނަ އިވެންޓްތަކެއް އިންތިޒާމްކޮށްފައިވާ ކުންފުންޏެއްކަމަށާއި އަބަދުވެސް ބަލަމުންދަނީ ރާއްޖެއަށް އާ ކަންތައްތައް ތަޢާރަފް ކުރުމަށްކަމަށެވެ. އަދި ވެކޭޝަން އެކްސްޕޯއަކީ ޑެސްޓިނޭޝަން ޕްރޮމޯޓްކުރުމަށް ނެރެވުނު ހައިރައިޒްގެ ދެވަނަ ބްރޭންޑްކަމަށާއި އެހެންނަމަވެސް އެގްޒިބިޝަނެއްގެ ގޮތަށް ބާއްވާ ފުރަތަމަ ބްރޭންޑްކަމަށެވެ. އަދި މި އިވެންޓާއެކު ރާއްޖެ އިތުރަށް އިޝްތިހާރު ވެގެންދާނެކަމަށް އިސްމާޢީލް ޙަމީދު ވިދާޅުވިއެވެ.

މި އިވެންޓުން ދުރާލާ ޗުއްޓީ ރޭވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް ހައިރައިޒުން މައުލޫމާތުދެއެވެ. ވެކޭޝަނަލް އެކްސްޕޯ ގެ ހަރަކާތްތައް އަންނަ އޯގަސްޓްމަހުގެ 4 ން ފެށިގެން 3 ދުވަހުގެ ނިޔަލަށް ނެޝަނަލް އާޓްގެ ގެލަރީގައި ކުރިޔަށް ދާނެކަމަށް އިވެންޓް އިންތިޒާމް ކުރާ ފަރާތުން މަޢުލޫމާތުދެއެވެ.

މި އިވެންޓްގެ ޓީވީ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާއެވެ.