ޚަބަރު

ކެލިގްރަފީ ދަސްކޮށްދިނުމަށް ބޭއްވި ވޯކްޝޮޕް ނިންމާލައިފި


ޗައިނީސް ކެލިގްރަފީ ދަސްކޮށްދިނުމަށް ރާއްޖޭގައި ތިބި ކުރެހުންތެރިންނާއި، އާޓިސްޓުންނަށް ޚާއްސަކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ.

ޗައިނިސް ކެލަގްރަފީއަކީ، ފްރީ ހޭންޑް ބޭނުންކޮށްގެން، ތަފާތު ވައްތަރެއްގެ ފިހި ތަކަކުން ލިޔާ އަދި ކުރަހާ ކުރެހުންތަކެކެވެ. ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނާއި، ޔުނައިޓެޑް އާޓްސް އޮފް މޯލްޑިވްސްއާއި ނެޝަނަލް ސެންޓަރ ފޮރ ދި އާރޓްސް ގުޅިގެން ކެލިގްރަފީ ބޭނުންކޮށްގެން ތާނަ އަކުރާއި އަރަބި އަކުރު އެޅުމަށް ދަސްކޮށްދޭން ފެށި ޕްރޮގްރާމަކީ، މިގޮތަށް ހިންގި ފުރަތަމަ ޕްރޮގްރާމެކެވެ. އެގޮތުން ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިޔަށްގެންދިޔަ މި މަސައްކަތު ބައްދަލުވުން ވަރަށް ކާމިޔާބުކަމަށާއި، މިކަމަށް ގިނަ އަދަދެއްގެ ދަރިވަރުންނާއި، އާޓިސްޓުންގެ ސަޕޯޓް ލިބިގެންދިޔަކަމަށް ޗައިނާ މޯލްޑިވިއަން ކަލްޗުރަލް އެސޯސިއޭޝަންގެ ޗެއަރމަން މުހައްމަދު ރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ، ތިން ދުވަހުގެ މުއްދަތަށް މާލޭގައި މިމަސައްކަތު ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވާއިރު، ރ.އަނގޮޅިތީމު އަދި އައްޑުސިޓީ ހިތަދޫގައި އެއްދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ. 

img:http://s1.psmnews.mv/images/660x400/14631573297416.jpg|ޗައިނީޒް ކެލިގްރަފީ ވޯކްޝޮޕްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މި މަސައްކަތު ބައްދަލުވުންތަކަށް ދަރިވަރުން ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ރާއްޖޭގައި ތިބި ކުރެހުންތެރިންނާއި، އާޓިސްޓުންގެ ފަރާތުން މިކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާކަމަށްވެސް ރަޝީދު ވިދާޅުވިއެވެ. މިމަސައްކަތު ބައްދަލުވުމުގައި ކެލިގުރަފީ ކިޔަވައިދީފައިވަނީ، ޗައިނާގެ ޝާންޒީ ހަން ތަންގް ކަލްޗަރަލް ކްރިއޭޓިވް އިންސްޓިޓިއުޓްގައި ކެލިގްރަފީ ކިޔަވައިދެއްވާ 10 މާހިރުންނެވެ. ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން މި ދިހަ މާހިރުންގެ ތެރޭގައި ހިމެނޭ ކުރެހުންތެރިޔަކު ބުނީ ކެލަގްރަފީގެ ތަފާތުކަމަކީ، ކުރަހަން ބޭނުންކުރަނީ ތަފާތު ފިހިތަކެއްކަމަށާއި، މިއީ އެހެން ކުރެހުންތަށް ކުރަހަން ބޭނުންކުރާ ފިހިތަކާއި ތަފާތު ފިހިތަކެއްކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގައި 32 ދިވެއްސަކު ބައިވެރިވާއިރު، އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައި 20 ދިވެހިން ބައިވެރިވެފައިވެއެވެ.