ޚަބަރު

އެޗްޑީސީން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި


ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން އިންތިޒާމް ކޮށްގެން ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. "ވޯޓަރ ސްޕެލޭޝް ޑޭ"ގެ ނަމުގައި ފެންކުޅީގެ ގިނަ ހަރަކާތްތަކެއް ހިމަނައިގެން ކުރިއަށްގެންދިޔަ މިހަވީރުގައި ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން އިންތިޒާމް ކޮށްގެން ފެންކުޅީގެ ހަވީރެއް ވަނީ ބާއްވާފައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްގެންދިޔަ މިހަވީރުގައި ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ. 

ފެނާ ގުޅުންހުރި ގިނަ ކުޅިވަރުތަކެއް ފެނިގެންދިޔަ މިހަވީރުގައި ހުޅުމާލޭގައި ހުންނަ ސްކޫލްތަކާއި، ބައެއް މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ކުންފުނިތައް ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ފުލުހުންނާއި ސިފައިންގެ އިތުރުން މީޑިއާނެޓް ހިމެނެއެވެ. މިހަވީރުގެ ތެރެއިން އެމް.އެން.ޑީއެފް އަދި ފުލުހުންގެ އެކި އުޅަނދުތަކާއެކު ފޮޓޯ ނެގުންފަދަ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. މީޑިއާއަށް މައުލޫމާތުދެއްވަމުން އެޗް.ޑީ.ސީގެ ޗެއަރމަން ފުއާދު ޤާސިމް ވިދާޅުވީ، ކުޑަކުދިންނަށް ހިތްފަސޭހަ ތަނަކަށް ހުޅުމާލޭ ހެދުމަށް އެކޯޕަރޭޝަނުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ.

މިހަވީރުގައި ބައިވެރިވި ބައެއް ކުޑަކުދިން ބުނީ، މިފަދަ ޙަރަކާތެއް އެކުދިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާތީ ވަރަށް އުފާވާކަމަށާއި، މިފަދަ ހަރަކާތްތައް ގިނައިން ބޭއްވުމަށް އެދޭކަމަށެވެ. ކުޑަކުދިންނަށް ޚާއްޞަކޮށްގެން މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް އޮތް ތަނުގައިވެސް ރާވައިގެން ކުރިއަށްގެންދާނެކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.