ޚަބަރު

މާލޭގެ ރައްޔިތުންނަށް ބޮޑު މާހެފުމެއް ބާއްވަނީ


ރަމަޟާން މަހަށް މަރުޙަބާ ކިޔުމަށްޓަކައި، އިސްލާމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން މާހެފުމުގެ ޙަރަކާތެއް ބާއްވަވަން ނިންމަވައިފިއެވެ. މިއީ، މާލޭގެ ހުރިހާ ރައްޔިތުންނަށް އަމާޒުކުރައްވައިގެން ބާއްވަވާ މާހެފުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެެވެ.

ރަމަޟާން މަހަށް މަރުޙަބާ ކިޔުމަށްޓަކައި ދިވެހިންގެ ތެރޭގައި ކުރަމުން އަންނަ އެންމެ ޚާއްޞަ އިޖްތިމާޢީ އެއްކަމަކީ މާހެފުމެވެ. މާހެފުން ބޭއްވުމަކީ ދިވެހި ތާރީޚުގެ ވަރަށް ކުރީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ކުރީ ޒަމާނުގައި ކަދުރާއި ކާށިން މާހެފުން ބާއްވަމުން އައިނަމަވެސް، ފަހަކަށް އައިސް މި ނޫންވެސް އެކި ބާވަތުގެ އެހެން ކާނާވެސް ބޭނުންކުރެއެވެ. އޭގެތެރޭގައި އަލައާއި ކައްޓަލައާއި މާޅޮސްކޭލާއި ފިހުނުމަހާއި މި ނޫންވެސް ދިވެހި ކާނާގެ ގޮތުގައި ބުނެއުޅޭ ބާވަތްތައް މާހެފުމުގެ ތެރޭގައި ހިމަނަމުން ގެންދެއެވެ. މާހެފުމުގައި ކޮންހެން ހުންނަނަޖެހޭކަމަށް ދެކޭ ބާވަތްތަކުގެ ތެރޭގައި ކަދުރާއި ކާއްޓާއި ހިކިމަހާއި ފޮނިކޮށް މޮޑެފައި ހުންނަ ފާރޮއްޓާއި ކުޅިކޮށް މޮޑެފައި ހުންނަ ފާރޮއްޓާއި އަވެލި ފަދަ ބައިތައް ހިމެނެއެވެ. މާހެފުން ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޖުތަމަޢުގެ އިޖްތިމާޢީ ބަދަހިކަން އިތުރުކުރުމެވެ. ޖަމާޢަތުގެ އެކަކު އަނެކަކާ ނުވަތަ އެއްބަޔަކު އަނެއް ބަޔަކާ ދެމެދު އޮތް ނުތަވަސްކަން ފިލިވާލުމެވެ.

img:http://s1.psmnews.mv/images/660x400/14631563066452.jpg|މާހެފުމަކަށް ތައްޔާރުކޮށްފައިވާ ތަކެތި / މިއަހަރު މާލޭގައި ބޮޑު މާހެފުމެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުން

މުޖުތަމަޢުގައި ހިމެނޭ ކޮންމެ މީހަކުވެސް އެ މީހެއްގެ ފޯރުންތެރިކަން ހުރި މިންވަރަކުން، ޙިއްޞާވެގެން ބާއްވާ މާހެފުންތަކުގައި ފޯރުންތެރި މީހުން ބޮޑު ޙިއްޞާއެއް އަދާކުރެއެވެ. އެހެންނަމަވެސް މާހެފުން އޮންނައިރު ނުވަތަ ކާ ގަޑީގައި އެންމެން ބައިވެރިވަނީ ހަމަހަމަކޮށެވެ. ފޯރުންތެރިކަން ކުޑަ މީހެއް ފޯރުންތެރިކަން ކުޑަ މީހެއް ތަފާތުކުރުމެއް ނެތިއެވެ. ރަމަޟާންމަސް އަންނާތީ އުފާ ފާޅުރުމުގެ ޙަރަކާތެއްގެ ގޮތުގައި މާހެފުންތައް ކުރިއަށް ގެންދެއެވެ.

މާހެފުމަކީ ޒަމާން ބަދަލުވެގެން، ހީނަރުވަމުން އަންނަ ކަމެއްކަމަށް ނުބެލެވެއެވެ. މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ. މިގޮތުން ޢާއިލާތައް ވަކިވަކިންނާއި އޮފީސްތަކުގެ ހުރިހާ މުވައްޒަފުން ގުޅިގެންނާއި ސްކޫލްތަކާއި ކުލަބް ޖަމްޢިއްޔާތަކުގެ ފެންވަރުގަ އާއި ރަށުގެ އަވަށް ނުވަތަ ރަށު ފެންވަރުގައިވެސް މާހެފުން ބާއްވައެވެ. އަދި އަވައްޓެރިންގެ ގްރޫޕްތަކުންވެސް އެކުވެރިކަން ބަދަހިކުރުމުގެ ކަމެއްގެ ގޮތުގައި މިކަން ކުރެއެވެ.

img:http://s4.psmnews.mv/images/660x400/14631563274470.jpg|މާހެފުމަކަށް ތައްޔާރުކޮށްފައިވާ ތަކެތި / މިއަހަރު މާލޭގައި ބޮޑު މާހެފުމެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުން

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އިސްލާމިކް މިނިސްޓްރީން ބާއްވަވާ ބޮޑު މާހެފުމަކީ، މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މާހެފުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓަރގެ ނާއިބު، މުޙައްމަދު މުސްތަފާ ވިދާޅުވީ، މާހެފުން ބޭއްވެވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައި ކަމަށެވެ.

މީގެ އިތުރުން، ކޮންމެ މިނިސްޓްރީއަކުން ވަކިންވެސް މާހެފުންތައް ކުރިއަށްދަވާނެ ކަމަށް މުޞްތަފާ ވިދާޅުވިއެވެ. އަދި މާހެފުންތައް ކުރިއަށްދާއިރު، އެންމެ އިސްކަންދެއްވާ ކަމަކީ، ދީނީ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ކަމަށްވެސް މުޞްތަފާ ވިދާޅުވިއެވެ.

މާހެފުން ފަދަ މުޖުތަމަޢުގެ އެއްބައިވަންތަކަން އިތުރުވާ ކަންކަމަކީ، އިސްލާމިކް މިނިސްޓްރީން ބަލައިގަންނަވާ ކަންކަން ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. ނަމަވެސް މާހެފުންތައް ބާއްވަވާއިރުވެސް، އިސްރާފްނުކުރުމަށް އެ މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.