ޚަބަރު

ޓަރމިނަލް އެޅުމުގެ އަމަލީ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ


އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް އެޅުއްވުމުގެ ޢަމަލީ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފައްޓަވާނެކަމަށް އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން ހާމަކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ އެއަރޕޯޓްގައި އަލަށް އެޅުއްވުމަށް ހަމަޖެހިފައިވާ ރަންވޭ އެޅުއްވުމަށް ހިއްކަވަންޖެހޭ ސަރަހައްދު ހިއްކެވުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފައްޓަވާނެކަމަށެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ މާސްޓަރޕްލޭންގެ ދަށުން އެއަރޕޯޓް ތަރައްޤީ ކުރެއްވުމަށް ހަމަޖެހިފައި ވަނީ އަހަރަކު 7 މިލިއަން ޕަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށެެވެ. އެގޮތުން އެއަރޕޯޓް ތަރައްޤީގެ އެންމެ މުހިންމު އެއް ކޮންޕޯނެންޓަކީ ޒަމާނީ ފެންވަރަށް ޢިމާރާތްކުރެވޭ ޕެސެންޖަރ ޓަރމިނަލް އެޅުމުގެ މަސައްކަތެވެ. ކެބިނެޓްގެ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ އެއަރޕޯޓްގައި އަލަށް އަޅާ ޓަރމިނަލް އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ ހަފްތާގައި ފައްޓަވާނެކަމަށެވެ. މިހާރު ހުރި އިންޓަރނޭޝަނަލް ޓަރމިނަލާ އިންވެގެން ދެކުނަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޓާރމިނަލް ހުޅުލޭ އެއަރޕޯޓް މިހާރު ހުރި ރަންވޭގެ ދެކުނުކޮޅުން ނިމޭހިސާބަށް ދިގުދެމިގެންދާނެއެވެ.

img:http://s4.psmnews.mv/images/660x400/14630432104620.jpg|ސަރުކާރުގެ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

އެއަރޕޯޓް ތަރައްޤީގެ މަޝްރޫގެ ދަށުން އަލަށް އެޅުމަށް ހަމަޖެހިފައިވާ ރަންވޭ އެޅުމަށްޓަކައި ހިއްކަންޖެހޭ ސަރަހައްދު ހިއްކުމުގެ ޢަމަލީ މަސައްކަތް އަންނަމަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. އަލަށް އެޅުމަށް ހަމަޖެހިފައިވާ ރަންވޭގެ މަސައްކަތް ނިމުމުން ދުވަހުގެ ޕީކް ވަގުތުތަކުގައި ރަންވޭގައި ޖާގަ ނެތުމުން ފްލައިޓްތައް މަތީގައި މަޑުކުރުވަންޖެހޭ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. 

އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާ ގުޅިފައިވާ މަޝްރޫޢެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުގެ ޢަމާޒަކީ އެއަރޕޯޓް ތަރައްޤީގެ މާސްޓަރޕްލޭންގެ ހުރިހާ ކޮންޕޯނެންޓްތައް އެއްކޮށް ނިމިގެންދާއިރު މިއެއަރޕޯޓަކީ ދެކުނު އޭޝިއާގެ އެންމެ މަތީ ފެންވަރުގައި ބަލައިގަންނާނެ އެއް އެއަރޕޯޓަށް ހެދުމެވެ.