ފްރާންސްގައި ބާއްވާ އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓުގައި ރާއްޖެ ތަމްސީލުކުރާނެ އެތުލީޓުންނަށް މުޙައްމަދު އާން ޙުސައިން އަދި ޢާއިޝަތު ޢުލްޔާ ޝާއިޤް ވެއްޖެއެވެ.
ސްވިމިން އެސޯސިއޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި ފްރާންސްގެ ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގައި ފެތުމުގެ ކުޅިވަރުން ރާއްޖެއަށް ލިބިފައިވާ މި ދެ ފުރުޞަތަކީ ޔުނިވަރސިލިޓީ ޕްލޭސަސްގެ ދެ ފުރުސަތެވެ.
އޮލިމްޕިކް ގޭމްސްއަށް ދާނެ ދިވެހި ދެ ފެތުންތެރިން ކަނޑައެޅީ ވޯލްޑް އެކުއަޓިކްސް އިން ކަނޑައަޅާފައިވާ ފެތުމުގެ ވަކި މުބާރާތްތަކެއްގައި ވާދަކުރި ދިވެހި ފެތުންތެރިންގެ ތެރެއިން، އެންމެ މަތިން ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޕޮއިންޓް ލިބިގެންކަމަށް ވެސް އެސޯސިއޭޝަނުން ހާމަކުރެއެވެ.،
އޮލިމްޕިކްސްގައި ވާދަކުރާނެ ފެތުންތެރިން ކަނޑައެޅުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ ވޯލްޑް އެކުއަޓިކްސް އިންނެވެ.
އަންނަ މަހުގެ 26 އިން ފެށިގެން އޮގަސްޓް 11 ވަނަ ދުވަހަށް ކުރިއަށްދާ އޮލިމްޕިކްސްއަށް ރާއްޖެއިން ދާނީ ތާރީޚީ އެންމެ ބޮޑު ކޮންޓިންޖެންޓެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިހެވެ.
މިއީ އޮލިމްޕިކްސްއަށް ކޮލިފައިވެގެން ރާއްޖޭގެ އެތުލީޓަކު ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގެ އެތުލީޓުން ވާދަކުރަމުން އައީ އިންވިޓޭޝަނަލް ފުރުސަތުގެ ތެރެއިންނެވެ.
އޮލިމްޕިކްސްއަށް ކޮލިފައިވެގެން މި ފަހަރު ރާއްޖެއިން ވާދަކުރާ އެތުލީޓަކީ 16 އަހަރުގެ ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ އެވެ. ދީމާ ކޮލިފައިވީ ކޮލިފައިން ބުރެއް ފަހަނައަޅައި ގޮސްގެންނެވެ.
އެތުލެޓިކްސްގައި ރާއްޖެއިން ވާދަކުރަނީ ޖެމެއިކާގައި ޓްރެއިނިން ފުރިހަމަކުރަމުން އަންނަ އިބާދުﷲ އާދަމެވެ. އޮލިމްޕިކްސްގައި މި ފަހަރު ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާ އެވެ.