ޚަބަރު

"ފަހި-913" - ޤައުމީ ޖޯޝާއި ފޯރި ފެނިގެންދާނެ ފެސްޓިވަލެއް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް ދެ އަހަރާއި ބައި ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ "ފަހި-913" ކުޅިވަރު ފެސްޓިވަލަކީ، ޤައުމީ ޖޯޝާއި ފޯރިންފުރިގެންވާ ފެސްޓިވަލެއްގެ ގޮތުގައި ފެނިގެންދާނެކަމަށް ރައީސް ޔާމީން ކެމްޕެއިން އޮފީހުން ބުނެފިއެވެ.

ތަފާތު ގިނަ ކުޅިވަރު ހަރަކާތްތަކެއްގެ އިތުރުން ސްޓޭޖް ޝޯވްތަކެއް ފެނިގެންދާނެ މި ފެސްޓިވަލަކީ ޤައުމީވަންތަ، ސިޔާސީ ފިކުރު ނުހިމެނޭ ގޮތަށް އިންތިޒާމްކޮށްފައިވާ ފެސްޓިވަލެއްކަމަށް ރައީސް ޔާމީން ކެމްޕެއިން އޮފީހުގެ ފަރާތުން މަޢުލޫމާތު ދެއްވި ޢަބްދުﷲ މައުމޫން ވިދާޅުވިއެވެ. އަންހެނުން އަދި ފިރިހެނުންގެ ފުޓުބޯޅަ، ފުޓްސަލް، ބާސްކެޓް، ބަށި އަދި ބައިބަލާގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ސްޓޭޖް ޝޯވްއާއި މޯލްޑިވިއަން އައިޑްލްގެ ޓޮޕް ޓެންގެ ހުށައެޅުންތައް ފެނިގެންދާނެ މި ފެސްޓިވަލަކީ ޢާއްމުކޮށް ހުރިހާ އެންމެންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ފެސްޓިވަލެއްކަމަށް މައުމޫން ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14631374520384.jpg|ފަހި 913 އަށް ތައްޔާރުވުމުގެ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

އަދި މި ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ވަރަށް ޚާއްޞަ އިނާމުތަކެއްވެސް ކަނޑައަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.މި ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 16 އަދި 17 ވަނަ ދުވަހު ހަވީރު ހަތަރަކުން ބާރައަށް މާފަންނު ސްޓޭޑިއަމްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާ ފަހި 913 ފެސްޓިވަލްގައި އެކި ޢުމުރު ފުރާތަކުގެ މީހުންނަށް ޚާއްސަ ކުޅިވަރުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ކުޅިވަރު ކުޅެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ޔާމީން ކެމްޕެއިން އޮފީހުން ބުނެއެވެ. 

img:http://s2.psmnews.mv/images/660x400/14631374663477.jpg|ފަހި 913 އަށް ތައްޔާރުވުމުގެ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން ބާބަކިއު ހެދުމާއި ތަފާތު ވައްތަރުގެ ކެއުމުގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށްވެސް އެފަރާތުން ބުނެއެވެ. މި ކުޅިވަރު ފެސްޓިވަލް ބޭއްވުމުގެ މަޤްްސަދަކީ ހުރިހާ ޢުމުރެއްގެ މީހުންނަށް ވެސް ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދީ އުފާވެރި މާޙައުލެއް ގާއިމްކޮށްދިނުންކަމަށް ރައީސް ޔާމިން ކެމްޕެއިން އޮފީހުން މަޢުލޫމާތުދެއްވައެވެ.