ޚަބަރު

"ރާއްޖޭގެ ކުޅިވަރު ހަރަކާތްތަކަށް އިންޑިއާއިން އެހީތެރިވާނެ"


އިންޑިއާ- މޯލްޑިވްސް ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިޔުމަށާއި ރާއްޖޭގެ ކުޅިވަރުގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށް އިންޑިއާ ސަރުކާރުން އެހީތެރިކަން ދެއްވާނެކަމަށް އިންޑިއާގެ ސްޕޯޓްސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކުޅިވަރާ ބެހޭ މިނިސްޓަރ ސަރްބަނަންދާ ސޮނޮވާލް މިހެން ވިދާޅުވީ އިންޑިއާ މޯލްޑިވްސް ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން އިންޑިއާގައި މިހާރު ތިބި ރާއްޖޭގެ ޒުވާނުންނާއި ބައްދަލުކުރެއްވުމަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިޔުޓީ މިނިސްޓަރ ނާއިފް ޝައުކަތު އާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ ޒުވާނުން ބިނާކުރުމަށް އިންޑިއާގެ ޓީމެއް ރާއްޖެއަށް ފޮނުވުމަށް ނިންމެވިކަން އެމަނިކުފާން ހާމަކުރެއްވިއެވެ. އަދި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން އިންޑިއާގައި ތިބި ޒުވާނުންނަށް މިނިސްޓަރ ވަނީ މަރްޙަބާ ދަންނަވާފައެވެ. އަދި އެއްބަސްވުމުގައި ވާގޮތުގެ މަތިން މިޕްރޮގްރާމް ކުރިއަށްގެންދަވާނެކަމުގައިވެސް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14631293235490.jpg|އިންޑިއާގެ ސްޕޯރޓްސް މިނިސްޓަރ ރާއްޖޭގެ ޒުވާނުންނާއި ބައްދަލުކުރައްވަނީ / ފޮޓޯ: ޓްވިޓަރ

ޔޫތު އެކްސްޗޭންޖް ޕްރޮގްރާމާއި ގުޅޭ ގޮތުން ޕީ.އެސް.އެމް އާއި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރ ނާއިފް ޝައުކަތު ވިދާޅުވީ މިފަދަ އިތުރު ޕްރޮގްރާމްތައް އަދިވެސް ކުރިއަށް އެބަހުރިކަމަށެވެ. މިގޮތުން އިންޑިއާގެ އިތުރުން ޗައިނާ އާއި ނޭޕާލުންވެސް މިފަދަ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށާއި ނޭޕާލާއި އެކު މިފަދަ އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެކަމަށެވެ. އަދި އިންޑިއާއިން ޔޫތު އެކްސްޗޭންޖް ޕްރޮގްރާމަށް ދެއްވާ ތަރުހީބާއި ގުޅިގެން އަންނަ އަހަރުވެސް މި ޕްރޮގްރާމް ކުރިއަށްގެންދަވާނެކަމަށް ވިދާޅުވިއެވެ. އަދި މިއީ ސަރުކާރުން ޒުވާނުންނަށް ހުޅުވައިދެއްވި ވަރަށް ރަނގަޅު ފުރުސަތެއްކަން ޑެޕިއުޓީ މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ޔޫތް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ފަންސާސް ބައިވެރިން އިންޑިއާގައި ދަނީ ހަރަކާތްތެރިވަމުންނެވެ.